ރައްޔިތުންގެ މަޖިލިސް

ނެޕީން މިހާރު 25 ޕަސެންޓު ޑިއުޓީ ނަގާ، ޕެޑުން އިމްޕޯޓު ޑިއުޓީއެއް ނުނަގާ!

ނެޕީއާއި ޕެޑުން ޖީއެސްޓީ އަދި އިމްޕޯޓު ޑިއުޓީ ނެގުމުގައި މަޖިލީހުގެ މެންބަރުންގެ ވާހަކަފުޅު ހުރި ގޮތުން ބައެއް ފަރާތްތަކަށް ވަނީ އޮޅުން އަރައިފަ އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުޑަކުދީން އަދި ބޮޑެތި މީހުންގެ ނެޕީން މިހާރު ވެސް އިމްޕޯޓު ޑިއުޓީ ނަގައެވެ. އެތަކެއްޗަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ނަގަނީ 25 ޕަސެންޓެވެ. އެހެން ނަމަވެސް ޖީއެސްޓީ ނަގާ ގޮތަށް ބަލާ އިރު، ކުޑަކުދީންގެ ނެޕީވެސް އަދި ބޮޑެތި މީހުންގެ ނެޕީވެސް ހިމެނެނީ ސުން ޕަސެންޓް ޖީއެސްޓީ ނަގާ ތަކެތީގެ ތެރޭގަ އެވެ.

ކަސްޓަމްސްގެ އޮފިޝަލު ވިދާޅުވި ގޮތުގައި ޕެޑުން މިހާރު ވެސް އިމްޕޯޓު ޑިއުޓީއެއް ނުނަގަ އެވެ. އެހެން ނަމަވެސް ޕެޑް ހިމެނެނީ ޖީއެސްޓީ ނަގާ މުދަލުގެ ތެރޭގަ އެވެ.