އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ބަހުސް ކުރިއަށް ގެންދާ ފުލުހުންގެ ހިދުމަތުގެ ބިލު، މަޖިލީހުގެ ކޮމިޓީއަށް ގެންގޮސް އިސްލާހު ކުރަމުން އަންނައިރު، 2012 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީރުުގެ ވެރިކަން ވެއްޓިގެންދިޔަ ހާދިސާއާ ބެހޭ ގޮތުން، އެ ކޮމިޓީއަށް ފުލުހުން ހާޒިރުކޮށް ތަހުގީގު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސްގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ދެއްކެވި ވާހަކަ ތަކަށް ޖަވާބު ދެއްވަމުންނެވެ.
ދެހާސް އަށްވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދު 2012 ވަނަ އަހަރުގެ ހަތެއް ފެބްރުއަރީގައި ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ހާދިސާއަކީ ފުލުހުން ބައިވެރިވެގެން ހިންގި ބަޣާވާތެއްކަން ފާހަގަ ކުރައްވައި އިންތި ވިދާޅުވީ އެކަމާބޭ ތަހުގީގެއް ހިނގާފައި ނުވާ ކަމަށާއި އެކަންކަމާބެހޭ މައުލޫމާތުތައް މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެނގިވަޑައިގަންނަވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.
އިންތިގެ ވާހަކަ ނިންމެވުމުން، އެ ހާދިސާގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން އިސްތިއުފާ ދެއްވި، މިހާރުގެ މަޖިލިސް ރައީސް ވިދާޅުވީ، ކޮމިޓީގައި އެބިލުގެ މަަަސައްކަތް ކުރިއަށް ގެންދާއިރު ވަކި ވަކި ފުލުހުން ކޮމިޓީއަށް ހާޒިރު ކޮށްގެން އެ ތަހުގީގު ހިންގޭނެ ކަމަށެވެ.
އަދި އެއީ މެންބަރުންނަށް ލިބިގެންވާ ބާރެއް ކަމަށާއި އެކަން ތަހުގީގުކޮށް، މެންބަރުން ނިންމަވާގޮތެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަޑަށް ފެންނަ ފެނުމުގައި އަޅުގަނޑު ދެކޭގޮތުގައި، އަދި މަޖިލީހުގެ ގަވާއިދު ވަަރަށް ސާފުކޮށް ޖާގަދޭގޮތުގައި އިއްޒަތްތެރި މެންބަރު މި ބިލު ކޮމިޓީއަށް ގެންދަވައި ކޮމިޓީގައި ބިލުގެ މަސައްކަތް ކުރައްވާއިރު ވަކިވަކި ފުލުހުންނާބެހޭގޮތުން އެ ތަހުގީގު ހިންގޭނެ، އެއީ އިއްޒަތްތެެރި މެންބަރުންނަށް ލިބިވަޑައިގެންފައިވާ ބާރެއް، އަދި ކޮމިޓީން އެ ތަހުގީގު ހިންގަވައި އެކަމާބެހޭގޮތުން ނިންމަވަންވާ ގޮތްތަކެއް މި ތަޅުމަށް މެންބަރުންނަށް ގެންނެވޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.