އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުގެ ތެރެއިން އުމުރުން 55 އަހަރަށްވުރެ މަތީ އުމުރުގެ މީހުންނަށް 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ދޭން ނިންމައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް އެދި ހައިކޯޓަށް ހުށަހެޅުމަށްފަހު އެކަމާބެހޭ މައުލޫމާތު ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، ނުރައްކާތެރިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އަށް ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އެކު އީސީން ވެސް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮމިޝަނުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރެއިން 55 އަހަރުންމަތީ އުމުރުފުރައިގެ ބޭފުޅެއްގެ ފަރާތުން ކޮރޯނާ ވައިރަހުގެ އަލާމާތެއް ފެނިއްޖެނަމަ 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން ކޮމިޝަންގެ ރަސްމީ ގަޑިޔަށްވެސް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަންގެ ރަސްމީ ގަޑި ހެނދުނު 8:00 މެންދުރުފަހު 2:00 އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އިންތިހާބުގެ އެކިއެކި މަސައްކަތްތަކަށް ނެގި މީހުންގެ ތެރެއިން ކޮންމެހެން ބޭނުން ނޫން މީހުން ވަގުތީ ގޮތުން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އަދި ގައުމުތަކަށް ދަތުރުކުރާ މުވައްޒަފުންނަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގޮތަށް 14 ދުވަސް ކަރަންޓީންގައި މަޑުކުރަން ހަމަޖަައްސާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އިތުރު ގަޑީގެ މަސައްކަތް ކޮމިޝަނުން މަޑުޖައްސާލައި، ކޮންމެހެން ކުރަން ޖެހޭ މަސައްކަތް ސެކްރެޓަރީ ޖެނެރަލްގެ ހުއްދައަކާ ނުލައި ނުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.