ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް އަވަހަށް ނިންމަވާ އުސޫލުން ޕީޕީއެމްގެ މައްސަލައިގައިވެސް އަވަހަށް ގޮތެއް ނިންމަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އުއްތަމަފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީއަށް ގޮވާލައްވައިފިއެވެ.
މޫސާ މަނިކު މިހެން ވިދާޅުވެފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ.
ޕީޕީއެމްގެ ބާރުތައް އެޕާޓީގެ ކުރީގެ ރައީސް މައުމޫނާ ހަވާލުކޮށްދިނުމަށް އެދި ޕީޕީއެމްގެ އާންމު މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ފާހަގަކުރައްވައި މޫސާ މަނިކު ވިދާޅުވީ، އެމައްސަލަ ސުޕްރީމް ކޯޓުގައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
މޫސަ ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް ޕީޕީއެމްގެ މައްސަލައިގައި ގޮތެއް ކަނޑައަޅާފައި ނުވާތީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފަރާތްތަކަށް ވެސް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުން މިހާރު އެހެން މައްސަލަތައް ނިންމާ އުސޫލުން ޕީޕީއެމްގެ މައްސަލަވެސް އަވަހަށް ނިންމަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށާއި، އުއްތަމަ ފަނޑިޔާރުގެ އިތުރުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް މޫސާ މަނިކު ގޮވާލެއްވިއެވެ.
މޫސަ ވިދާޅުވީ ކޯލިޝަނުން ވެރިކަމަށް އައީ އަދުލު އިންސާފު ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީގެން ކަމަށާއި، ނަމަވެސް ހަތަރު ލީޑަރުން ވެގެން އިދިކޮޅު ޕާޓީއެއް ނައްތާލަން މަސައްކަތް ކުރައްވާތީ ހިތާމަކުރައްވާކަމަށެވެ.
މީގެއިތުރުން މޫސަ ވިދާޅުވީ ރައީސް ޔާމީންއާ މެދު ޚިޔާލުތަފާތު ވާނަމަ އެކަން ކުރެއްވިޔަސް މައްސަލައެއް ނެތް ކަމަށާއި، ނަމަވެސް ރައީސް ޔާމީނަށް ވޯޓް ދިން 96000 މީހުންގެ ހައްގުތައް ފޭރިގަނެގެން ނުވާނެ ކަމަށެވެ.
އަދި 96000 ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ނުކުރައްވާނަމަ، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން އިސްތިއުފާދެއްވުމަށް ވެސް މޫސަ ގޮވާލެއްވިއެވެ.
ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫންއާ ހަވާލުކުރުމަށް އެޕާޓީގެ ދެ މެންބަރުން ކަމަށްވާ ގދ.ތިނަދޫ، ބީޗް ރެސްޓް، އަހުމަދު ރަޝީދުއާއި، ލ.ގަން ތުނޑި، ހަވި، އަލީ އަހުމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެމައްސަލައިގެ ފައިލް މިހާރު ވަނީ ސުޕްރީމް ކޯޓަށް ގެންގޮސްފައެވެ. ސުޕްރީމް ކޯޓުން ވިދާޅުވެފައި ވަނީ އެމައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންދިޔައީ ޕީޕީއެމްއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާގެ މައްސަލައެއް އެކޯޓުން ބަލަމުންދާތީ ކަމަށެވެ.