ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށް ބީއެމްއެލް އިން ޝޯޓް ޓާމް ފައިނޭންސިންއެއް ތައާރަފުކޮށްފި

މަރިޔަމް ޝަހުދާ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ އަދި ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް 19ގެ ސަބަބުން ފަތުރުވެރިކަމަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް އެހީވުމަށް ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށް ބީއެމްއެލް އިން ޝޯޓް ޓާމް ފައިނޭންސިންއެއް ތައާރަފުކޮށްފި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލުން ތައާރަފު ކުރި މި ހިދުމަތަކީ ތިން އަހަރު ދުވަހުގެ މުއްދަތެއްގައި ބީއެމްއެލަށް ފައިސާ ދައްކާ ގޮތަށް ތައާރަފު ކުރި ހިދުމަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން މި ހިދުމަތުގެ ދަށުން ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުން އަންނަ ރިސޯޓު އަދި ގެސްޓްހައުސް ތަކުގެ ވޯކިންގް ކެޕިޓަލްގެ ގޮތުގައި ދެ މިލިއަން ޑޮލަރާއި ހަމައަށް ފައިނޭންސް ކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ހިދުމަތް ތައާރަފު ކުރުމަށް ބީއެމްއެލް އިން ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮވިޑް 19 އިން ލިބޭ ގެއްލުން މުޅިން ވަޒަން ކުރެވޭނީ މިކަން ދިގުދެމިގެންދާ މުއްދަތާއި މިކަމުގެ އަސަރުކުރާނެ ނިސްބަތުން ކަމަށެވެ.

މިހާރުވެސް ރާއްޖޭގެ އެކި ވިޔަފާރިތަކަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ޓިމް ވިދާޅުވިއެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން މިފަދަ ދަނޑިވަޅެއްގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްގެ ޒިންމާއެއް ކަމަށް ޓިމް ވިދާޅުވިއެވެ.

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި މި ހިދުމަތަށް އެދި ހުށަހަޅަން ބޭނުން ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ބޭންކުގެ ބްރާންޗަކަށް ވަޑައިގެން ނުވަތަ ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރާއި ގުޅައިގެން މި ހިދުމަތަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު 3330200 އަށް ގުޅައިގެން ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.