ލޯކަލް ކައުންސިލް އިންތިޚާބު

އިންތިހާބާ ގުޅޭ ކަންކަން އިތުރަށް ކުރިޔަށް ގެންދާނެ ގޮތެއް މާދަމާ އިއުލާނުކުރަނީ

އައިދާ އަބްދުލް ހަކީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް މާދަމާ އިއުލާންކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރައްވާފައިވާކަމަށާއި އެކަމުގައި އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް މާދަމާ އިއުލާންކުރައްވާނެ ކަމަށެވެ. ކުރިން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު މިހާރު ވަނީ ފަސްކޮށްފައެވެ.

ކޮވިޑް19 އާ ގުޅިގެން އާންމު ސިއްހީ ނުރައްކަލުގެ ހާލަތު ރާއްޖޭގައި 30 ދުވަހަށް އިއުލާން ކުރުމާއި ގުޅިގެން އީސީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންތިހާބު އަންނަމަހު 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ. އަދި އިސީން މިއަދު ވަނީ އިންތިހާބު ކުރިއަށް ގެންދާނެ ގޮތަކާމެދު އިންތިހާބާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމިޓީގައި މަޝްވަރާކުރައްވާފައެވެ.

އިންތިހާބު 18 ވަނަ ދުވަހަށް ފަސްކުރުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އަދި ސަރުކާރުން ހިންގާ މައި ޕާޓީ އެމްޑީޕީން ވެސް ބުނެފައިވަނީ އެއީ ކެމްޕެއިންނަށް އެކަށީގެންވާ މުއްދަތެއް ނޫން ކަަމަށެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އެދިފައިވަނީ މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސްކުރުމަށެވެ.