އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭއިން އޮންލައިން ފްލޫ ކްލިނިކެއްގެ ހިދުމަތް ފަށައިފި

މަރިޔަމް ޝަހުދާ

އޭޑީކޭ ހޮސްޕިޓަލުން އޮންލައިން ފްލޫ ކްލިނިކެއްގެ ހިދުމަތް ދޭން ފަށައިފި އެވެ.

މި އޮންލައިން ފްލޫ ކްލިނިކު ގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް އޭޑީކޭ އިން އެދެއެވެ.

އެގޮތުން އޭޑީކޭގެ އޮންލައިން ކްލިނިކުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު އަށަކާއި ރޭގަނޑު އަށަކާ ދެމެދު 3313553 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އޭޑީކޭ އިން ބުނެއެވެ. އަދި އެޕޮއިންޓްމަންޓް ހެދުމުން ފޯނަށް މެމޯ ލިބޭނެ ކަމަށާއި، އެޕޮއިންޓްމަންޓް ހައްދާއިރު ވީޑިއޯ ކޯލް ކުރެވޭނެ ކަމަށާއި ވައިބަރު ނުވަތަ ސްކައިޕް ނަންބަރު ހޮސްޕިޓަލާ ހިއްސާ ކުރުމަށް އޭޑީކޭ އިން އެދެއެވެ.

އޮންލައިން ކްލިނިކުގެ ޑޮކްޓަރުން ކިއު ތަރުތީބުން ބަލިމީހުންނަށް ގުޅަމުން ގެންދާނެ ކަމަށް އޭޑީކޭ އިން ބުނެއެވެ. އަދި ވީޑިއޯ ކޯލް މެދުވެރިކޮށް ކޮންސަލްޓޭޝަންގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އޭޑީކޭ އިން ބުނެއެވެ.

މި ފްލޫ ކްލިނިކުގެ ކިއު ތަރުތީބު ބެއްލެވުމަށް ބޭނުންވާ ފަރާތްތަކަށް އާސްކް އޭޑީކޭ މެދުވެރިކޮށް ކިއު ތަރުތީބު ބެލޭނެ ކަމަށް އޭޑީކޭ އިން ބުނެއެވެ. އެއީ އާސްކް އޭޑީކޭ މެދުވެރިކޮށް ވައިބާ، ޓެލެގްރާމް އަދި ފޭސްބުކް މެސެންޖާ މެދުވެރިކޮށް ކަމަށް އޭޑީކޭ އިން ބުނެއެވެ.