ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ދެކޮޅަށް ވޯޓުދިން 96.000 މީހުންގެ ހައްގުތައް ސަރުކާރުން ނިގުޅައިގަނެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ސިވިލްސާވިސްކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ހުށަހަޅައިފައިވާ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ އެކި އިދަރާތަކުގައި ވަޒީފާ އަދާކުރަމުން އަންނަ ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.
މޫސަ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޔާމީންއަށް ވޯޓް ދިން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، ރައީސް ސޯލިހުއާ ދެކޮޅަށް 96000 ރައްޔިތުން ވޯޓް ދީފައިވާތީ އެރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެގެން ނުވާނެ ކަމަށެވެ.
އަދި ރާއްޖޭގައި އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭނެ ކަމަށާއި ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވާނެ ބަޔަކުވެސް ތިބެން ޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.
މީގެއިތުރުން މޫސަ ވަނީ ޕީޕީއެމްގެ އިސް މެންބަރުންނަށް ނިސްބަތްކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މީސް މީޑިއާގައި ދައްކަވާ ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި ނަޝީދުއަށް ބަހުގެ ހަމަލާތަކެއް ވެސް ދެއްވާފައެވެ.
މޫސަ ވިދާޅުވީ ރާއްޖޭގައި އިދިކޮޅު ޕާޓީއެއް އޮތުމުން އެކަން ހަޖަމް ނުވެގެން އުޅުއްވަނީ ކުރީގެ ރައީސް ނަޝީދު ކަމަށެވެ.
''ރާއްޖޭގައި އިދިކޮޅު ޕާޓީއެއް އޮތުމުން ކީއްވެގެންތޯ ކުރީގެ ރައީސް ނަޝީދަށް ހަޖަމް ނުވެގެން މިއުޅުއްވަނީ. އެއީތޯ ތިޔަބޭފުޅުން ގެނައި ޑިމޮކްރަސީއަކީ. ޕީޕީއެމްގެ މީހަކަށް ވީތީ އެމީހާގެ ހައްގުތައް ފޭރިގަންނަނީ. މިއެއްނޫން ރައްޔިތުން ބަލައިގެން ޑިމޮކްރަސީއަކީ.'' މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އޭނާއަކީ ޕީޕީއެމްގެ މެންބަރެއް ކަމަށާއި، ނަމަވެސް މިހާރު ޕީޕީއެމްގެ ވެރިއަކީ ކޮބައިކަން ވެސް ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
އެގޮތުން ޕީޕީއެމްގެ ރައީސްއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް އެމަނިކުފާނު ވަކާލާތު ކުރައްވާކަން ފާހަގަކުރައްވައި، މޫސަ ވިދާޅުވީ މައުމޫނަށް ޕީޕީއެމް ލިބޭ ދުވަހަކުން އޭނާ ޕީޕީއެމްގައި ނުހުންނަވާނެ ކަމަށެވެ.
ނުވަދިހަ ހަ ހާސް މީހުންގެ ހައްގުތަކަށް އަރައިގަންނަ ކަމަށް މޫސް ވިދާޅުވިއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައި ވަނީ ނުވަދިހަ ހަ ހާސް ވޯޓެކެވެ.