މައިކްރޯސޮފްޓްގެ ކޯ-ފައުންޑަރު އަދި ކުރީގެ ސީއީއޯ، ބިލް ގޭޓްސް އެ ބޯޑުން އިސްތިއުފާ ދެއްވައިފިއެވެ.
މައިކްރޯސޮފްޓުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ބިލް ގޭޓްސް އެ ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވީ އިޖުތިމާއީ ކަންކަމަށް އިތުރަށް ވަގުތު ދެއްވަން ބޭނުންވެވަޑައިގަންނަވާތީ ކަމަށެވެ.
އަނބިކަބަލުން މެލިންޑާއާއެކު ފެއްޓެވި ފައުންޑޭޝަނަށްފަހު ބިލް ގޭޓްސް ވަނީ މައިކްރޯސޮފްޓްގެ އަމަލީ މަސައްކަތްތަކުން ދުރުވެވަޑައިގެންފައެވެ. ބިލް ގޭޓްސް ވަނީ އެ ކުންފުނީގެ ބޯޑުގެ ޗެއާމަންކަން 2014 ވަނަ އަހަރާ ހަމައަށް އަދާކުރައްވާފަ އެވެ. ސީއީއޯކަމުގެ މަގާމުން އިސްތިއުފާ ދެއްވީ 2000 ވަނަ އަހަރުއެވެ.
ދުނިޔޭގައި ތިބި އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސް ޕްރޮގްރާމިންގެ ތެރެއަށް ވެންނެވީ އުމުރުން 13 އަހަރުގައެވެ. މައިކްރޯސޮފްޓް އުފެއްދެވީ 1975ގައެވެ.
އޭރު އެކުންފުނި އުފެއްދީ ކޮމްޕިއުޓަރު އުފައްދާ ފަރާތްތަކަށް ލައިސެންސިން ސޮފްޓްވެއާ ފޯރުކޮށްދިނުމަށެވެ. މައިކްރޯސޮފްޓްގެ ސަބަބުން ކޮންޕިއުޓާ ސިސްޓަމްތައް އަގުހެޔޮކޮށް ލިބެން ފެށިއެވެ. މިހާރު އެކުންފުންޏަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ސޮފްޓްވެއާ ކުންފުންޏެވެ.