ހުތުބާ

ބޮޑު މުސީބާތެއް ނުވަތަ ބަލިމަޑުކަމެއް ޖެހުމުން ކަންބޮޑުވެ މާޔޫސް ނުވޭ، ﷲ ގެ ރަހުމަތުން އުންމީދު ކަނޑާނުލާ: ހުތުބާ

ބޮޑު މުސީބާތެއް ނުވަތަ ބަލިމަޑުކަމެއް ޖެހުމުން ކަންބޮޑުވެ މާޔޫސް ނުވެ، ﷲ ގެ ރަހުމަތުން އުންމީދު ކަނޑާނުލުމަށް ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ބޮޑު މުސީބާތެއް ނުވަތަ ބަލިމަޑުކަމެއް ޖެހުމުން މުސްލިމް އަޅާ އަމަލުކުރަންވީ ގޮތާއި، ޝަރުއީ ހަމަތައް ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށާއި ބައެއް މީހުން ހާސްވެ، ކަންބޮޑު، މާޔޫސްވެ، ﷲ ގެ ރަހުމަތުން އުންމީދު ކަނޑާލާ ކަމަށެވެ. އަދި ބައެއް މީހުންގެ އީމާންކަން ބަލިކަށިވެ، ﷲ އާ މެދު ކުށް ހީތައް ކުރާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ލޮބުވެތި މުސްލުމް އަހުންނޭވެ! ކަންބޮޑުވެ، މާޔޫސް ނުވާށެވެ! ﷲގެ ރަހުމަތުން އުންްމީދު ކަނޑާނުލާށެވެ! އެންމެހައި ބަލިތަކަށް ޝިފާ ދެއްވާނީ ﷲ އެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މުސްލިމް އަޅާގެ މައްޗަށް ވަނީ މިފަދަ ކަންކަމުން އިބުރަތް ހާސިލުކުރުން ކަމަށާއި މިފަދަ ކަންކަން ބަލައިގަންނަން ވާނީ އޭނާ ޣާފިލުކަމުގެ ނިދިން ހާލައްވާލުމެއްގެ ގޮތުގައި ކަމަށެވެ. އަދި ހެޔޮ އަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުހެލިވެ، ﷲ އާ ކުއްތަންވުމަށް މަހުފަހިކޮށްދޭ ވަސީލަތެއްގެ ގޮތުގައި މިފަދަ ކަންކަން ބަލައިގަންނަން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"މުސީބާތެއް މެދުވެރިވުމުން، އެކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ސިއްހީ ފިޔަވަޅުތަކާއި ދީނީ އިރުޝާދުތައް ދެނެގަންނަން ޖެހެއެވެ. އަދި ކެތްތެރިކަމާއެކު އަމަލުތައް ބެހެއްޓުމުން މުސްލިމުންނަށް ހުރި މަތިވެރި ސަވާބާއި ދަރުމައިގެ އުފާވެރިކަން ވެސް ހިތްމައްޗަށް ގެންނަން ޖެހެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ ދުނިޔޭގެ ހާލަތު އެއްގޮތެއްގައި ތާއަބަދު ދެމިނޯންނާނެކަން ދަންނަން ޖެހޭ ކަމަށާއި ދަތިކަމަކަށް ފަހު ފަސޭހަކަމެއް އަދި ތަދުމަޑުކަމަކަށްފަހު ތިޔާގި ކަމެއް އަންނާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދިި ހިތާމަތަކާއި، ހިތްދަތިކަމާއި، ހިތްނޭދޭ ކަންކަން ތަހައްމަލު ކުރަން ނުޖެހޭ ބަޔަކު ނޫޅޭކަން ވެސް ހަނދާނަން ގެންނަން ޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.