މަރުގެ މައްސަލަތައް

ގއ. ވިލިނގިލީގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ

ގއ ވިލިނގިލީގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ރޭ ފަތިހު 5:00 އެހާ އިރު، 24 އަހަރުގެ ދިވެހި ޒުވާނަކު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅުން ހުރި މީހުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، މަރުވެފައި ވަނީ، ވިލިނގިލީ ހައިޑްޕާކް، މުހައްމަދު މުސްތަފާ ނަމަކަށް ކިޔާ ޒުވާނެކެވެ.

މި ޒުވާނާ މަރުވެފައޮ ވަމީ ޑްރަގް އޯވަޑޯޒް ވެގެން ކަމަށް އަޑުތައް ފެތުރިފައި ވީ ނަމަވެސް އެކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ޔަގީންކޮށެއް ނުދެ އެވެ.

މުއުތަބަރު ފަރާތަކުން "ވަން" އަށް މައުލޫމާތު ދިން ގޮތުގައި، ރޭ ދަންވަރު މުހައްމަދު މުސްތަފާ އާއި އޭނާގެ ރައްޓެހި އެހެން ޒުވާނުންތަކެއް ތިބީ ވިލިނގިލީ ގެސްޓްހައުސްއެއްގެ ތެރޭގަ އެވެ. އަދި އެމީހުން ތިބީ ޕާޓީ ޑްރަގު ބޭނުންކުރަން ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ކަމަށް އޭނާ ބުންޏެވެ.

"މުސްތަފާގެ ހާލު ބޮޑުވެގެން އޭނާއާ އެކު ދެން ތިބި ހަތަރު މީހުން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ، ގޮސް އެމީހުން މުސްތަފާ ބޭއްވި ކަމަށް ކިޔަނީ ހޮސްޕިޓަލު ބޭރުގަ ހުންނަ ގޮނޑިތައް މަތީ. ބާއްވާފަ އެ ހަތަރު މީހުން ފިލައިގެން ދިޔަ ކަމަށް ކިޔަނީ. އޭރު މުސްތަފާ އޮތީ މަރުވެފަ." ވަން އަށް މައުލޫމާތު ދިން ވިލިނގިލީ މީހަކު ކިޔައިދިނެވެ.

ވިލިނގިލީ އެހެން މީހަކު ބުނީ، މުސްތަފާގެ ހަށިގަނޑު ވިލިނގިލީ ހޮސްޕިޓަލަށް ލާފައި ދިޔަ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ހަތަރު މީހުންނަކީ ވެސް ވިލިނގިލީ މީހުން ކަމަށާއި އެ މީހުން ހައްޔަރުކުރީ ވެސް އެރަށުން ކަމަށް ވަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ޕާޓީ ޑްރަގް ބޭނުންކުރުން ދިވެހި ޒުވާނުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރީން ހުޅުމާލޭގައި ވެސް ޒުވާނުންތަކެއް ޕާޓީ ޑްރަގްސް ބޭނުންކުރަން ތިއްބައި އޭގެން އެކަކު އޯވަޑޯޒް ވެގެން މަރުވެފައި ވެއެވެ.

ވިލިނގިލީގައި މަރުވި ޒުވާނާގެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.