ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހައުސިން މިނިސްޓްރީން ދޫކޮށްފައިވާ ފުލެޓްތަކުގެ މައްސަލަތައް ބަލައި، ހައްގުވެރިންނަށް ފުލެޓް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު ނާޒިމް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނިމިދިޔަ ސަރުކާރުން ފުލެޓް ދޫކޮށްފައި ވަނީ އިންސާފުން ނޫން ކަމަށެވެ.
ފުލެޓްތައް ދޫކޮށްފައި ވަނީ ނުހައްގުންކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ނުހައްގުން ދޫކުރި ފުލެޓްތައް ނެގުމަށްފަހު، ހައްގުވެރިންނަށް ފުލެޓް ދޫކުރަން ސަރުކާރަށް ގޮވާލާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ބައެއް އާއިލާތަކުގައި ހަތަރު މީހުންނަށް ވެސް ފުލެޓް ދީފައިވާކަމަށެވެ. އެހެންކަމުން އިންސާފުވެރިކަމާ އެކު ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ނާޒިމް ގޮވާލެއްވިއެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ގެދޮރު އިމާރާތް ކުރުމުގެ ތަކެތިން ނަގާ ޓެކްސް ކުޑަކުރަންޖެހޭ ކަމަށެވެ.
ނުހައްގުން ފުލެޓް ދޫކުރިކަމަށް ނާޒިމް ވިދާޅުވިއިރު، ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވިދާޅުވެފައި ވަނީ ފުލެޓްތައް ދީފައި ވަނީ އިންސާފުވެރިކަމާއެކުގައިތޯ ބަލާނެ ކަމަށެވެ.