މިންހާ ފާއިޒް ރަޝާދު
ކޮވިޑް19އަށް ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައި ހުރިހާ މިސްކިތްތަކެއް ފަސް ދުވަހަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ސިންގަޕޫރުގެ މިނިސްޓަރު އިން ޗާޖް އޮފް މުސްލިމް އެފެއާޒް ވިދާޅުވެއްޖެއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިންގަޕޫރުގެ ހުރިހާ މިސްކިތެއް މިއަދުން ފެށިގެން އެއް ހަފުތާ ވަންދެން ޑިސްއިންފެކްޓް ކުރުމަށް ބަންދު ވާނެ އެވެ. އެގޮތަށް ނިންމީ ދީނީ ދަރުހެއް އަޑުއަހަން ގޮސްތިބި މީހުންގެ ތެރެއިން ސިންގަޕޫރު ގެ ދެ ރައްޔިތަކު ކޮވިޑް19 އަށް ޕޮޒިޓް ވުމުންނެވެ. އެހެންކަމުން މިއަދު އެގައުމުގައި ހުކުރު ނަމާދުވެސް ވަނީ ކެންސަލް ކޮށްފައެވެ.
މިސްކިތްތައް ބަންދުކުރުމާއެކު މިސްކިތުގައި އެއްވެސް ހަރަކާތެއް، ބައްދަލުވުމެއް ވެސް ނުބޭއްވޭނެ ކަމަށް މުސްލިމް އެފެއާޒްގެ މިނިސްޓަރުވަނީ ވިދާޅުވެފައެވެ. އަދި މިމަހުގެ 27އާ ހަމައަށް މި ހަރަކާތްތައް ނުބޭއްވޭނެކަންވެސް އެ މިނިސްޓްރީންވަނީ އަންގާފައެވެ. .
ސިންގަޕޫރަކީ ކޮވިޑް19އަށް އެންމެބޮޑަށް ތައްޔާރުވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އެގައުމުގައި ކޮވީޑް19 އަށް 187 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ނުވަ މީހެއްގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް ވެއެވެ. 96 މީހަކު ވަނީ ބަލިން މުޅިން ސަލާމަތްވެފައެވެ.
ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ.