ލޯކަލް ކައުންސިލް އިންތިޚާބު

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އޭޕްރީލް 18އަށް ފަސްކޮށްފި

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އަންނަ މަހުގެ 18އަށް ފަސްކޮށްފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާކަން އިއުލާންކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވަން ޖެހޭ ތަކެތި ޕެކްކޮށް ޑިސްޕެޗްކުރުން ފިޔަވައި އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާންކުރުމާ ގުޅިގެން އިންތިހާބުގެ ވޯޓުލުން ފަސްކުރަން ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން މިއަދު ރާއްޖޭގެ ސިއްހަތާ ބެހޭ ވަޒީރު މިވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާންކުރައްވާފައި. މިކަމާ ގުޅިގެން މިއަދު ހަވީރު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވުނު އިލެކްޝަންސް ކޮމިޝަނުގެ ފަސް މެންބަރުންގެ ބައްދަލުވުމުގައި މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވުމާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަސްކޮށްފައި. ވޯޓުލާ ދުވަހަކީ އޭޕްރީލް މަހުގެ 18 ވަނަ ދުވަސް ކަމަށް ނިންމާފައި،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ގާނޫނުގައިވާ ގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ގާނޫނީ މުހުލަތުގެ ތެރެއިން ވޯޓުލާ ދުވަސް ފަސްކުރެވޭނެ އެންމެ ފަހު ތާރީހު ކަމަށާއި އެއަށްވުރެ އިތުރަށް ވޯޓުލުމުގެ ތާރީހު ފަސްކުރާކަމުގައިވާ ނަމަ، ފަސްކުރެވޭނީ ކޯޓުގެ އަމުރަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށްވުރެ އިތުރުކޮށްފިނަމަ، ވޯޓުލުން ބާއްވާ ތާރީހު ބަދަލުކުރުމަށް ކޯޓަށް ގޮސް، ކޯޓުގެ އަމުރެއް ހޯދައިގެން ހައްލެއް ގެންނާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިނިސްޓަރު އަބްދުﷲ އަމީން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެންނެވެ. މިހާތަނަށް ރާއްޖޭން ކޮވިޑް 19 އަށް ޕޮޒިޓިވް އަށް މީހަކު ވަނީ ފެނިފައެވެ.