ފެޝަން

އަނެއްކާވެސް ދީޕިކާގެ ލުކް އަކީ ކޮޕީއެއް؟

ދީޕިކާ އާއި ރަންވީރުގެ ކައިވެނި އިޓަލީގައި ކޮށް އިންޑިއާގައި ޕާޓީތައް ބާއްވަމުން އަންނައިރު އެންމެ ގިނަ ފާޑު ކިއުން އަމާޒުވެފައި ވަނީ ދީޕިކާގެ ސްޓައިލް ތަކަށެވެ.

ދީޕިކާގެ ކައިވެނީގަ އާއި ބެންގަލޫރުގައި ބޭއްވި ހަފުލާގައި އޭނާ ލާފައި ހުރީ ޓްރެޑިޝަނަލް ހެދުންތަކެއް ނަމަވެސް މުމްބާއީގައި ބޭއްވި ހަފްލާގައި ވަނީ ތަންކޮޅެއް ފަން ލުކެއް އިހްތިޔާރު ކޮށްފައެވެ.

މީގެ ކުރީގެ ހަފްލާތަކުންވެސް ދީޕިކާ ގެ ސްޓައިލްތަކަށް ވަނީ އޭނާގެ ސްޓައިލިސްޓް ސަބްޔާސަޗީ އަށް ބޮޑެތި ފާޑު ކިޔުމާ ނުރުހުން ލިބިފައެވެ.

މުމްބާއީގައި ބޭއްވި ހަފުލާގައި ސަބްޔާސަޗީގެ ފްލޯރަލް އެންސެމްބަލް ގައި ދީޕިކާ ފެނުނީ ވަރަށް ނަލަކޮށެވެ. ޔޫ ނެކްލައިން ޗޯލީއަކާއި، ލެހެންގާ އަކާ ބެލްޓެއް އަދި ނެޓް ފޮތީގެ ދޯޕައްޓާއަކާ އެކު ލުކް ފުރިހަމަ ކޮށްލުމަށް ޖަޑާއު ނެކްޕީސް އަކާ ޓްރެޑިޝަނަލް ތަނޑިބައެއް ވަނީ އެސަސަރައިޒް ކޮށްފައެވެ. އިސްތަށިގަނޑު ހުރީ ބްރެއިޑެޑް ބަންއެއް ހެދުމަށްފަހު މަލުން ޖަރީ ކޮށްލާފައެވެ.

މި ލުކަށް ދީޕިކާއަށް ތައުރީފު ލިބުނު ނަމަވެސް ސަބްޔާސަޗީގެ އެހެން ލުކްއެއްގައި ހަމަ ދީޕިކާގެ ހެދުމުގައި ހުރި ޕްރިންޓްތައް މި ވަނީ އޭނާގެ ފޭނުން ހޯދާފައެވެ.

ބޮލީވުޑް ތަރި ކަންގްނާ ރާނޫތް ވަނީ މީގެ ކުރިން ހަަމަ ދީޕިކާގެ ހެދުމުގައި ހުރި ކަހަލަ ފްލޯރަލް ޑިޒައިނެއްގެ ހެދުމެއްގައި ފެނިފައެވެ. މި ސްޓައިލް ކޮށްދީފައިވެސް ވަނީ ސަބްޔާސަޗީއެވެ. ކަންގްނާ ވަނީ އޭނާގެ ލުކް ފުރިހަމަ ކުރުމަށް މިނިމަލް އެސަސަރީޒް ބޭނުން ކޮށްފައެވެ، ހަމަ ޔޫ ނެކްލައިން ލައިނެއްގައި ހުރި މި ހެދުމާއެކު ކަންގްނާ ބޭނުންކޮށްފައި ހުރީ ސްޓަޑް ކަންފަތު ލާ އެއްޗަކާ އަތު ކުރީ ގަޑިއެކެވެ.

ބެންގަލޫރުގައި ދީޕިކާ ލާފައި ހުރި ސްޓައިލްވެސް ކަންގްނާ އެހެން ހަފްލާއަކަށް ލާފައި ހުރި ސްޓައިލާ އެއްގޮތް ކަމުން ވަރަށް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަނެއްކާވެސް ސަބްޔަސަޗީ އަށް މިއޮތީ އެކެހަލަ ގޯހެއް ހެދިފައެވެ.

ދީޕިކާ އަދި ރަންވީރުވެސް އެމީހުންގެ ކައިވެނީގެ ހުރިހާ ކަމެއްވެސް ސިއްރު ކޮށްގެން ކުރަމުން ދިޔައިރު، އެމީހުންގެ ފޭނުން ގެ އުންމީދުތައް އެ ކައިވެނި ހަފްލާ ތަކަށް ވަރަށް ބޮޑެވެ. ނަމަވެސް ކޮންމެ ފަހަރު ދީޕިކާގެ ޑިޒައިންތަކަށް މިހެން ވާތީ ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފައެވެ.