ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތް (ރަފީ) ޖަމިއްޔާގެ މިލީނިއަމް ޔޫތް އެމްބެސެޑަރ ކޯޗިންގް ކޭމްޕް "އެމްއޭސީސީ" ގެ މިއަހަރުގެ ކޭމްޕް ކާމިޔާބު ކަމާއެކު ލަންކާގައި ނިންމާލައިފިއެވެ.
މިމަހުގެ 23 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދިޔަ "އެމްއޭސީސީ" ގައި ޖުމްލަ 28 ޒުވާނުން ވަނީ ބައިވެރިވެފައެވެ. އެއީ 15 އާ އެމްބެސެޑަރުންނާއި، ހަ ސީނިއާ އެމްބަސަޑަރުންނާއި އަދި ހަތް ހޮވައިލެވުނު އެމްބެސެޑަރުންނެވެ. މިބައިވެރިން ހޮވާފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހު ކުރިޔަށް ގެންދިޔަ މިލީނިޔަމް ޔޫތް ލީޑާސް ކޭމްޕްގެ 32 ޒުވާނުންގެ ތެރެއިން ނެވެ.
ލަންކާގެ ޝަހްރާން ބެންކުއެޓް ހޯލް ގައި ކޭމްޕް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފެވެ. މި ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ،
އެމްއޭސީސީގެ ބެސްޓް އޯލް ރައުންޑާ އެވޯޑް މިފަހަރު ކާމިޔާބު ކުރީ އާމިނަތު ރީމާ ރަޝީދުއެވެ. މީގެ އިތުރުން ކޭމްޕުގެ އެންމެ މޮޅު ފަސް ބައިވެރިންނާއި އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ ބައިވެރިންވެސް ވަނީ ހޮވާފައެވެ.
ކޭމްޕްގެ އެންމެ މޮޅު ފަސް ބައިވެރިންނަށް ހޮވިފައިވަނީ، އަޒީމާ އަބްދުﷲ، އަޒީމާ ޝިއުތު، ނޫމާން ޔޫސުފް، މުހައްމަދު އައިމަން އަދި އައިޝަތު ނަހުދާ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަފީ އެންޖީއޯގެ ފައުންޑިން ޕްރެޒިޑެންޓް އައިޝަތު ރަފިއްޔާ (ރަފީ) ވިދާޅުވީ މި ޕްރޮގްރާމަކީ ހަތް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ވަރަށް ބުރަ ޕްރޮގްރާމެއް ނަމަވެސް، ޕްރޮގްރާމުން ވަނީ ޒުވާނުންނަށް ޕްރެޝަރުގައި މަސައްކަތް ކުރުމަށް ދަސްކޮށްދެވިފައެވެ. މި ޕްރޮގްރާމުގައި ވަނީ ލީޑަރުން ތަމްރީން ކުރެވިފައި ކަމަށް ވެސް ރަފީ ވިދާޅުވިއެވެ.
ރަފީ އިތުރަށް ވިދާޅުވީ ޒުވާނުން މާ ބައިވަރު ކަންކަން ބޭނުން ނުވާ ކަމަށާއި، ބޭނުން ވަނީ ހަމަ އެކަނި އެމީހުންގެ ބަސް އަހާނެ ބައެއް ކަމަށެވެ. ބޯޑްރޫމްގަ އާއި ޕޮލިސީ ހެދުމުގައި، ޑިޒިޝަން މޭކިން ލެވެލް ތަކުގައި ޒުވާނުން ބައިވެރި ކުރަން ޖެހޭނެ ކަމަށް ރަފީ ވަނީ ފާހަގަ ކުރައްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ، ޒުވާނުންގެ ބަސް އަހާ ބަސް ވިކޭ ސަރުކާރަކަށް މި ސަރުކާރު ވެގެން ދާނެ ކަމަށެވެ. މަހްލޫފުވެސް މަސައްކަތުގެ މައިދާނަށް ނުކުންނެވީ ޔޫތު މިނިސްޓްރީ ތެރެއިން ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެހެންކަމުން ޒުވާނުންނަށް ދިމާވާ ގޮންޖެހުންތައް އަމިއްލަ އަށް ވެސް ތަހައްމަލު ކުރައްވާފައިވާ ކަމަށާއި ޒުވާނުނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދީ އެމީހުންގެ އަޑު އިއްވޭނެ ފުރުސަތު ހޯއްދަވައިދެއްްވާނެ ކަމަށެވެ.
އެމްއޭސީސީގެ މައިގަނޑު މަގުސަދަކީ ބައިވެރިންނަށް އެބައިވެރިންގެ ފަރާތުން ޒުވާން ޖީލަކަށް ނަމޫނާ ބަޔަކަށް ވާނެ ހުނަރުތަކާއި އުސޫލުތަކާއި ގޮތްތަކުގައި ހިފަހައްޓާނެ ގޮތް ދަސްކޮށްދިނުމެވެ. މިކޭމްޕްގައި ޒުވާނުންނާ ގުޅޭ މުހިންމު ބައިތަކަކަށް ވަނީ އަލިއަޅުވާލައިފަ އެވެ.
މިކޭމްޕްގައި ފެސިލިޓޭޓް ކޮށްދެއްވީ ސިންގަޕޫރުގެ އެޑްސްޓާގެ އިތުރުން ސްރީލަންކާ އާއި ރާއްޖޭގެ ތަޖުރިބާކާރުންނެވެ.
މިލީނިއަމް ޔޫތް އެމްބަސަޑަރ ކޯޗިންގް ކޭމްޕްގެ މެއިން ސްޕޮންސަރ އަކީ އުރީދޫއެވެ. އަދި ގޯލްޑް ސްޕޮންސަރ އަކީ އެސްޓީއޯއެވެ.