ބޮލީވުޑް ސުޕަސްޓާ ސަލްމާން ޚާން އަދި ކެޓްރީނާ ކައިފްގެ ފިލްމު "ބާރަތް" އަށް ދިގު އިންތިޒާރެއް ދަނީ ކުރެވެމުންނެވެ.
ސައުތް ކޮރެއާގެ ފިލްމް "އޮޑޭ ޓު މައި ފާދާ" ގެ ރީމޭކެއް ގޮތުގައި ހަދާ މި ފިލްމް ވަނީ ގިނަ ލޮކޭޝަން ތަކެއްގައި ޝޫޓް ކޮށްފައެވެ.
ފިލްމުގައި ސަލްމާންގެ ލުކް އަދިވެސް ސިއްރު ކޮށްފައިވާއިރު، ކެޓްރީނާގެ ލުކް އާ ބެހޭ ވާހަކަތައް މީސް މީޑިއާގައި ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ކެޓްރީނާ އާއި ސަލްމާން އަދި އަތުލް އަގްނިހޯތްރީ ފިލްމް ގެ ސެޓުން ފޮޓޯ އާއި ވީޑިއޯ މީސް މީޑިއާގައި ހިއްސާ ކުރާތީ ފިލްމާ ބެހޭ އިންޓަރެސްޓިން މައުލޫމާތު ތަކެއް ދަނީ ލިބެމުންނެވެ. ފިލްމްގެ ޕްރޮޑިއުސަރު އެންމެ ފަހުން ހިއްސާ ކޮށްފައިވާ ވީޑިއޯގައި ކެޓްރީނާ ފެންނަނީ ރެޓްރޯ ލުކެއްގައެވެ.
ކެޓްރީނާ މިވަނީ އޭނާގެ ހެއާ ސްޓައިލިސްޓްއާ އެކީ ނަގާފައިވާ ސެލްފީއެއް އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. ފޮޓޯ އިން ފެންނަނީ ކެޓްރީނާ ގެ އިސްތަށިގަނޑު ކާލީކޮށް ހުއްޓައެވެ. ކެޓްރީނާގެ ފޭނުން ބުނާ ގޮތުގައި މި ލުކްގައި އޭނާ ފެންނަނީ ވަރަށް ރީތިކޮށް އަދި ފްރެޝްކޮށެވެ. އަދި މި ލުކް އޭނާއާ މާ ބޮޑަށްވެސް ގުޅޭކަމަށް ފޭނުން އަންނަނީ ބުނަމުންނެވެ.
މަލްޓާ އިން އަބޫ ދާބީ އަދި ލުދިއާނާ އާއި މުމްބާއީ، ފިލްމްގެ ކްރޫއިން ދަނީ ފިލްމްގެ ޝޫޓިން އަށް އެކި ދިމާތަކަށް ދަތުރު ކުރަމުންނެވެ. މިވަގުތު ޝޫޓިން ކުރިއަށް ދަނީ ނިއު ދިއްލީގައެވެ. އެތަނުގައި ފިލްމްގެ ކްރޫއިން ވަނީ އިންޑިއާގެ އައިކޮނިކް ބޯޑަރެއް ކަމަށްވާ "ވަގާ ބޯޑަރ" ގައި ޝޫޓް ކުރަން ހުއްދަ ނުލިބުމުން އޭގެ ބޯޑަރެއް އަމިއްލަ އަށް ހަދާފައެވެ.