ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓު އޮފީސް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
މީގެ ކުރިން މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ހުޅުވާފައި ހުންނަނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 4:30 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 9:00 އިން މެންދުރު 3:00 އަށެވެ.
މި ގަޑިތަކަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
އެގޮތުން މިމަހު 15 ވާ އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ހުޅުވާފައި ހުންނާނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ 08:30 އިން 15:30 އަށް ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ. އަދި ހުކުރާއި ހޮނިހިރު ދުވަހަކީ މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ބަންދުކޮށްފައި ހުންނާނެ ދެ ދުވަސް ކަމަށް ވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން މޯލްޑިވިއަންގެ ކޯލް ސެންޓަރު އަދި ވައިބާ ޕްލެޓްފޯމުގެ ގަޑިތަކަށްވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަދަލު އަންނާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އެގޮތުން މިއަދާއި ހަމައަށް މޯލްޑިވިއަންގެ ކޯލް ސެންޓަރު އަދި ވައިބާ ޕްލެޓްފޯމުން ހިދުމަތް ދެމުން އައީ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ކޯލް ސެންޓަރު އަދި ވައިބާ ޕްލެޓްފޯމުން ހިދުމަތް ފޯރުކޮށް ދިނުމަށް ނިންމާފައިވަނީ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ 08:00 އިން ފެށިގެން 18:00 އަދި ހުކުރު ދުވަހު 14:00 އިން 20:00 އަށް ކަމަށް ވެސް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.
މޯލްޑިވިއަންގެ ޓިކެޓިންގް އޮފީހުގެ އިތުރުން މޯލްޑިވިއަންގެ ކޯލް ސެންޓަރު އަދި ވައިބާ ޕްލެޓްފޯމުގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނައުމަށް އެ އެއާލައިނުން ނިންމާފައިވާއިރު މޯލްޑިވިއަންގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެ ކުންފުނިން އިއްޔެ ވަނީ އެދިފައެވެ. އެގޮތުން އިއްޔެ މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ބާރު އެޅުމުގެ ގޮތުން ޓިކެޓު ނެގުމަށް އެ އެއާލައިންގެ އޮފީހަށް ދިއުމުގެ ބަދަލުގައި ވެބްސައިޓާއި ވައިބާގެ އިތުރުން މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ނެގުމަށް އެ އެއާލައިނުން ވަނީ އިލްތިމާސް ކޮށްފައެވެ.