އއ. ތޮއްޑޫ

ތޮއްޑޫ ޓޫރިސްޓުންނަށް ބަންދުކޮށް، ޒަރޫރީ ބޭނުމެއްގައި ނޫނީ ދިވެހީންނަށް ވެސް ނުދެވޭ ގޮތަށް ހަމަޖައްސައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19އާ ގުޅިގެން، އަންނަ އާދިއްތަ ދުވަހުން ފެށިގެން އއ. ތޮއްޑޫ މިވަގުތަށް ޓޫރިސްޓުންނަށް ބަންދުކޮށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދިވެހީންނަށް ވެސް އެރަށަށް ނޭރޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެރަށުގެ ގެސްޓްހައުސް ވިޔަފާރިވެރިއެއް ކަމަށްވާ، ގެސްޓުހައުސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުމަދު ކަރަމް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެ ނިންމުމަކީ ތޮއްޑޫގެ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ސްޕީޑް ބޯޓް ދުއްވާ ފަރާތްތަކާއި ރައްޔިތުންނާ މަޝްވަރާ ކޮށްގެން ތޮއްޑޫން ނިންމި އަމިއްލަ ނިންމުމެއް ކަމަށެވެ.

ތޮއްޑޫ ޓޫރިސްޓުންނަށް ބަންދު ކޮށްލުމުގެ އިތުރުން ޒަރޫރީ ބޭނުންތަކުގައި ނޫނީ ދަތުރު ނުކުރާ ގޮތަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަރަމް ވިދާޅުވީ ދުރާލައި ސަލާމަތީ ގޮތުން އެ ނިންމުން ނިންމަން ޖެހުނީ، ތޮއްޑޫގެ އިގްތިސާދުގެ 50 ޕަސެންޓް ބަރޯސާވާ ސިނާއަތަކީ ދަނޑުވެރިކަން ކަމަށް ވެފައި، ރޯދަމަސް، ކައިރީގައި އޮތްއިރު، ތޮއްޑޫ ދަނޑުވެރިން ދަނޑުތަކަށް ކޮށްފައިވާ އެތައް މިލިޔަން ރުފިޔާއެއްގެ އިންވެސްޓްމެންޓަށް ގެއްލުން ލިބިދާނެތީ ކަމަށެވެ.

"މިރަށުގެ އިގްތިސާދު އެންމެބޮޑަށް ބަރޯސާވެފަ މި އޮންނަނީ ދަނޑުވެރިކަމަށް އެއީ 50 ޕަސެންޓް، އަނެއް ބަޔަކީ ޓޫރިޒަމް ނަމަވެސް ބަލި ފެތުރެމުން ދާ ގޮތަށް ބަލާއިރު، ދުރާލައި މިފަދަ ފިޔަވަޅެއް ނާޅައި އުޅެނިކޮށް ދިމާވާ ކަމެއްގެ ސަަބަބުން މުޅިރަށް ލޮކްޑައުން ވެއްޖެއްޔާ ރަށުން އެއްޗެއްވެސް ބޭރު ކުރެވޭނީކީ ނޫން. އެހެންކަމުން ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ،" ކަރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ދަތުރު ނުކުރެވޭ ގޮތަށް ނިންމި ނަމަވެސް ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެރަށަށް ދެވޭނެ ކަމަށެވެ. އެފަދަ ބޯޓު ފަހަރު ދިއުމުން އެފަރާތަށް ގަންނަން ބޭނުންވާ އެއްޗެހީގެ ކަންތައްތައް ހަމަޖައްސައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަކަންތައްތައް ބަލައި ރަށަށް އަރައިފައިބާ މީހުންގެ ކަންތައް މޮނިޓާ ކުރުމަށް ރައްޔިތުން އަމިއްލައަށް އިސްނަގައިގެން އެކުލަވާލާ ޓާސްކް ފޯހެއް އޮންނާނެ ކަމަށެވެ. އަދި މީހެއްގެ ހަވާލުގައި ނެތް ބިދޭސީއެއް ރަށުގައި ހުރިނަމަ މި ފިޔަވަޅުތަކުގެ ތެެރެއިން ރަށުން ފޮނުވައިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަރަމް ވިދާޅުވީ މިކަމަކީ ކޮވިޑް 19އާ ގުޅިގެން ސަރުކާރުން ކުރާ ބުރަ މަަސައްކަތުގެ އަގު ވަޒަންކޮށް ރަށުގެ ރައްިޔތުންގެ ރައްކާތެރިކަމަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އެކަމުގައި ކައުންސިލްގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް ހަސަން އަބުދުﷲ "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ނިންމުމަކީ ކައުންސިލާ ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމި ސަބަބުތަކުގެ ތެރޭގައި، ރަށަށް އަންނަ ގެސްޓުން އެމީހުން އަންނަނީ ކޮން ރޫޓަކުންތޯ ބަލައި އެމީހުންގެ ކަންތައް މޮނިޓާ ކުރާނެ ގޮތްތަކެއް ހަމަޖެއްސުމަށް ވަގުތު ދިނުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.