މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގައި ބަޝަންދުރަ ކިންގާއެކު މެޗު ކުޅުމަށް ބަންގުލަދޭޝްއަށް ދިޔަ ރާއްޖޭގެ ޓީސީ ސްޕޯޓްސް އެނބުރި ގައުމަށް އަންނާނީ ލަންކާގައި ކަރަންޓީން ވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ކޮވިޑް 19 އާގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްޔާ ގުޅިގެން ރާއްޖޭގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މިއަދު ވިދާޅުވީ، ޓީސީ ލަންކާގައި ކަރަންޓީން ކުރުމަށް ނިންމީ ބަންގުލަދޭޝްގައި ކޮވިޑް 19 އުޅޭތީވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ބަންގުލަދޭޝް އިން ޓީސީ ސްޕޯޓްސް ކުލަބް ރާއްޖެ އަންނަން ހަމަޖެހިފައި އޮތީ މާދަމާއެވެ. ނަމަވެސް ދެން އެ ޓީމަށް ރާއްޖެ އާދެވޭނީ ލަންކާގައި 14 ދުވަހު ކަރަންޓީނުގައި ތިބުމަށްފަހު ކަމަށް މަބުރޫކު ވިދާޅުވިއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރަމުންދާ ކޮވިޑް 19 ރާއްޖޭގައި ވެސް ފެތުރެމުންދާތީ ކުޅިވަރު ހަރަކާތްތައް ހުއްޓާލައިފައިވާއިރު ދުނިޔޭގެ ގިނަ ހިސާބުތަކުގައި ވެސް ވަނީ އާންމުން އެއްވެ އުޅުން ކުޑަކުރުމަށްޓަކައި ކުޅިވަރު ހަރަކާތްތައް ހުއްޓާލައިފައެވެ.
ޓީސީ ބަންގުލަދޭޝްގައި ތިބިއިރު އޭއެފްސީ ކަޕުގެ މެޗެއް ކުޅުމަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކުލަބް މިވަގުތު ތިބީ އިންޑިއާގައެވެ.