ކުޅިވަރު

ބަންގުލަދޭޝްގެ ބަޝަންދުރަ އަތުން ބޮޑު ތަފާތަކުން ޓީސީ ބަލިވެއްޖެ

އައިދާ އަބްދުލް ހަކީމް

އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުގެ ގުރޫޕް "އީ"ގެ ފުރަތަމަ މެޗުގައި މިއަދު ބަންގުލަދޭޝްގެ ބަޝަންދުރަ ކިންގްސް އިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ.

ބަންގުލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުން ޓީސީ ބަލިވީ 1-5 ގެ ބޮޑު ނަތީޖާއަކުންނެވެ. ޓީސީން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 17 ވަނަ މިނެޓުގައި ބަޝަންދުރަ ކިންގްސްއިން ވަނީ މެޗްގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ބާކޯސްއެވެ. އެ ގޯލަށްފަހު ޓީސީން ކުޅުން ރަނގަޅުކޮށް އޭގެ ތިން މިނެޓު ފަހުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އެ ގޯލު ޓީސީއަށް ކާމިޔާބު ކޮށްދިނީ އެ ކުލަބްގެ ފޯވާމް އިސްމާއީލް އީސާ (މެސީ) އެވެ. އެއީ ޓީސީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)އަށް ބަޝަންދުރަ ޓީމުގެ ޑިފެންޑަރު ހާން ފައުލު ކުރުމުން ލިބުނު ޕެނަލްޓީއެއް ބަޝަންދުރަ ކިންގްސްގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ރީބައުންސެއް ގޯލަށް ފޮނުވާލައިގެންނެވެ.

ޓީސީން ނަތީޖާ އެއްވަރުކޮށްފައިވަނިކޮށް މެޗުގެ 25 ވަނަ މިނެޓުގައި ބަޝަންދުރަގެ ދެވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ބާކޯސް އެވެ.

ފުރަތަމަ ހާފުގެ ކުޅުން 2-1ގެ ނަތީޖާއަކުން ނިމުނުއިރު ދެވަނަ ހާފުގެ ކުރީކޮޅު ޓީސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ބަޝަންދުރަ ޓީމުގެ ކީޕަރު އަނިސުރް ރަހްމާން ވަނީ އެ ޕެނަލްޓީ ދިފާއުކޮށްފައެވެ.

ފަހު ހާފުގައި ބަޝަންދުރަ ޓީމުން ވަނީ ތިން ގޯލު ޖަހައިފައެވެ. އޭގެ ތެރެއިން ދެ ގޯލު ޖަހާފައިވަނީ ބާކޯސްއެވެ. އަދި ބާކީ ގޯލު ޖަހައިިދިނީ އެ ޓީމުގެ ކެޕްޓަން ކޮލިންޑްރެސްއެވެ.

ނިއުރޭޑިއަންޓަށް ކުރިން ކޯޗު ކޮށްދިން އޮސްކާ ބުރޫޒޮންގެ ކޯޗުކަމުގެ ދަށުން ބަޝަންދުރަ ކިންގްސް ވަނީ މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

މި މޮޅާއެކު ބަޝަންދުރަ މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. މި ގުރޫޕުގެ ދެވަނަ މެޗުގައި މިއަދު 18:00ގައި ބައްދަލު ކުރާނީ މާޒިޔާ އާއި ޗެންނާއީ އެފްސީއެވެ. މި މުބާރާތުގައި ޓީސީން ދެން ވާދަކުރާނީ އިންޑިއާގެ ޗެންނާއީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އޭޕްރީލް 15 ވަނަ ދުވަހު މާލޭގައެވެ.