އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ކޮމިޓީން ފާސްކޮށްފިއެވެ.
އެ އިސްލާހު ދިރާސާ ކުރުމަށް ހުށަހެޅި ބިލު ދިރާސާކުރުމަށް މަޖިލީހުން ނެގި ވަގުތީ ކޮމިޓީން އެ އިސްލާހު ބާތިލުކުރުމަށް ފެންނަ ކަމަށް ނިންމީ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ވެރިކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރާއި ދޮށީ އުމުރު ކަނޑައަޅާފައިވަނީ 2015 ވަނަ އަހަރުއެވެ. އޭރު ނައިބު ރައީސަކަށް އަހްމަދު އަދީބު ގެނައުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.
ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަނީ ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިފައެވެ.
ގާނޫނުއަސާސީގެ އިސްލާހަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުގެ ވޯޓުން ކަމަށްވާ އިރު، އިސްލާހު ބާތިލްކުރުމަށް މަޖިލީހުގެ 64 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ.