ލޯކަލް ކައުންސިލް އިންތިޚާބު

އިންތިހާބު ފަސްކޮށް ބާއްވާނަމަ އިތުރަށް 30 މިލިޔަން ބޭނުންވާނެ: ޝަރީފް

އިބްރާހިމް ޒަކީ

އަންނަ އޭޕްރީލް މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށް ބާއްވާނަމަ އިތުރަށް 30 ވަރަކަށް މިލިޔަން ރުފިޔާ ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އިންތިހާބަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތިންބައިކުޅަ އެއްބައި އެކަމަށް ތައްޔާރު ވުމަށް މިހާރު ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕްކުރުމުގެ އެގްރީމެންޓްގައި މިއަދު ސޮއިކުރަން ހަމަޖައްސާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިނަތިހާބުގައި ވޯޓުލާ މީހުންގެ ވޯޓާސް ލިސްޓުވެސް މިއަދު އާއްމު ކޮށްފައިވާ ކަމަށެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހުޅުވާލާފައިވާ ކަަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކުރުމުގެ ގާނޫނީ ބާރު އިލެކްޝަންސް ކޮމިޝަނަށް ނޯންނަ ކަމަށެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ތާރީހަށް އިން އިންތިހާބު ބޭއްްވުމަކީ އީސީގެ ގާނޫނީ ވާޖިބެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ސިޓިން ކައުންސިލްގެ މުއްދަތު ހަމަ ވުމުގެ 30 ދުވަސް ކުރިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ގާނޫނު ބުނާ ކަމަށާއި، އަންނަ އޭޕްރީލް މަހުގެ ހަތަރެއްގައި އިންތިހާބު ބާއްވަން ހަމަޖައްސާފައި ވަނީ ބްރީތިންގ ސްޕޭސްއެއް ލާފައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ،

އަމާޒަކީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ރަމަލާންމަހުގެ ކުރިން އިންތިހާބުގެ ކަންތައް ނިންމާލުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އަދި އިންތިހާބު ލަސްކުރެވުނަސް ލަސް ކުރެވޭނީ މެއި މަހުގެ ތިނަކާ ހަމައަށް ކަމަށާއި، އޭރުންވެސް ރަމަލާން މަހުގެ ފުރަތަމަ 10 އަކަށް އިންތިހާބު ވަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް އިންތިހާބު ލަސްކުރާ ކަހަލަ ހާލަތެއް އަތުވެއްގެކަމަށް ފެނިންޖެނަމަ އިންތިހާބު ފަސް ކުރުމަށް އެދި ކޯޓްގައި ޗެލެންޖު ކުރުމަކީ، އިލެކްޝަންސް ކޮމިޝަނުގެ އިތުރުން އާއްމު ކޮންމެ މީހަކަށްވެސް ލިބިގެންވާ ފުރުސަތެއް ކަމަށެވެ. އަދި އެފަދަ ކަމެއް ހުށަހަޅައިގެން އިންތިހާބު ފަސްކުރަން ކޯޓުން އަންގައިފިނަމަ އެކަން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ކުއްލި ކަމެއް ޖެހިއްޖެނަމަ އީސީން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަައަކަށް އެދެން ޖެހިދާނެ ކަަމަށް ބަލައި، އެދަ ކަމަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މާދަމާ ބައްދަލު ކުރެއްވުމަށް މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމަކީ، ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ މެލޭޝިއާ އާއި ސްރީލަންކާ އާއި އިންގިރޭސި ވިލާތާއި އިންޑިއާގެ ޓްރިވެންޑްރަމްގައި އެފަދަ ހަރަކާތެއް ހިންގުން އެ ގައުމުތަކުގެ ސަރުކާރުތަކުން މަނާކޮށްފާނެތީ އޮތް ކަންބޮޑުވުމެއް ކަަމަށެވެ. އަދި ރާއްޖޭގައިވެސް ވޯޓު ފޮށި ބަހައްޓަން ކަނޑައަޅާފައިވާ ރިސޯޓެއް ލޮކްޑައުން ކޮށްފާނެތީ އޮތް ކަންބޮޑުވުމެއް ކަމަށެވެ.

ނަމަވެސް އެކަންތައްތަކަށްވެސް ބަދަލު ގެންނާނީ ކޯޓުން ނިންމާ ނިންމުމަކަށް ކަމަށްވެސް ވިދާޅުވިއެވެ.