އިލެކްޝަންސް ކޮމިޝަން

ކުރިއަށް އޮތް ދައުރަށްވެސް އީސީގެ މެންބަރުކަމަށް އަަކުރަމް އައްޔަން ކުރަން ކޮމިޓީން ރުހުންދީފި

އިބްރާހިމް ޒަކީ

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކުރަމް، ކޮމިޝަންގެ މެންބަރު ކަމުގެ މަގާމުގައި ހުންނަވާ މުއްދަތު ހަމަވާތީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން، ކުރިއަށް އޮތް ދައުރަށްވެސް އީސީގެ މެންބަރެއްގެ ގޮތުގައި އަކުރަމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމިޓީން ރުހުންދީފި އެވެ.

ރައްޔިތުންގެ މަޖިލިީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަކުރަމާ އިންޓަވިއު ކުރުމަށްފަހު ނެގި ވޯޓުގައި އަކުރަކަށް ކޮމިޓީގެ ރުހުން އޮތް ކަމަށް ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލު ވުމުގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އަކުރަމްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ ހުޅުވާލި ފުރުސަތުގައި، އެކަމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން އަކުރަމްގެ ނަމާއެކު ހަތަރު ބޭފުޅެއްގެ ނަން ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއެވެ.

އަކުރަމްގެ އިތުރުން ދެން ހިމެނެނީ އަހުމަދު ފަޔާޒް ހަސަން މ.ހަޒާރީވިލާ، މަރިޔަމް ހަނީފާ ހާލިދު އަނބުގަސްދޮށުގެ ހއ.ކެލާ، އަހުމަދު މަންސޫރު ވ.ރިވެތި، އެވެ.

މި ހުރިހާ ބޭފުޅުންނަށްވެސް ކޮމިޓީން ރުހުން އޮތްކަމަށް މިއަދު ފާސްކުރިއެވެ.

ކޮމިޓީިން މި ހަތަރު ބޭފުޅުންގެ ނަން ފާސް ކުރުމުން ކޮމިޓީ ރިޕޯޓާއެކު ދެން އެ ނަންތައް ދާނީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ.

އެ ހަތަރު ބޭފުޅުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.