އިބްރާހިމް ޒަކީ
އަންނަމަހު ހަތަރެއްގައި ބާއްވަން ހަމަޖައްސާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވާން ޖެހޭ ތައްޔާރީތަކުގެ ތެރެއިން 90 ޕަސެންޓް މަސަަައްކަތް ނިމިފައިވާ ކަމަށާއި، އިންތިހާބު ފަސްކުރަން ޖެހޭ ކަހަލަ މާހައުލެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލު ނުކުރައްވާކަަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކުރަން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަކުރަމް މިއަދު ވިދާޅުވީ، އިންތިހާބު ފަސްކުރަންޖެހޭ ކަހަލަ ހާއްސަ ހާލަތެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ރާއްޖޭގައި މިހާރު އޮތް ބަލިމަޑުކަމުގެ ބިރުވެރިކަން ވަކި ލެވެލްއެއްގައި އޮތްކަމުގެ މައުލޫމާތެއް ކަމާބެހޭ އެއްވެސް މުއައްސަސާއަކުން އިލެކްޝަންސް ކޮމިޝަނަށް ދީފައި ނުވާ ކަމަށެވެ.
އަކުރަމް ވިދާޅުވީ، އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން ދީފައިވާ 72 މިލިޔަނެއްހާ ރުފިޔާގެ 90 ޕަސެންޓަށްވުރެ ބޮޑުބައި އިންތިހާބީ ކަންތައްތަކަށް މިހާރު ހަރަދު ކޮށް، އެކަމަށް ކުރަންޖެހޭ ތައްޔާރީތަކުގެ 90 ޕަސެންޓްވެސް ނިމިފައިވާ ކަމަށެވެ.
އަދި އިތުރަށް އިންތިހާބު ލަސްކޮށް ބާއްވާނަމަ އިތުރަށް 35 މިލިޔަން ރުފިޔާ ބޭނުންވާނެ ކަމަށްވެސް ވިދާޅުވިއެވެ.