އެޓަރނީ ޖެނެރަލް

ވަކާލާތު ކުރުމުގެ ހުއްދަ ހޯދަން ބޭނުންވާ ތަމްރީނުތައް ހެދުމުގެ އިންތިޒާމް އޭޖީ އޮފީހުގައި ހަމަޖައްސައިފި

ވަކާލާތު ކުރުމުގެ ހުއްދަ ހޯދަން ބޭނުންވާ ތަމްރީނުތައް ހެދުމުގެ އިންތިޒާމް އެޓާނީ ޖެނެރަލްގެ އޮފީހުގައި ހަމަޖައްސައިފިއެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވީ ގާނޫނީ ރޮނގުން ދަސްވެނިވެ، ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބޭނުންވާ ތަމްރީނު ފުރިހަމަކުރުމުގެ އިންތިޒާމް މިއަދުން ފެށިގެން އޭޖީ އޮފީހުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ގާނޫނީ ވަކީލުންނާ ބެހޭ އެންމެހާ ކަންތައްތައް ކުރިއަށް ގެެންދިއުމަށް ގާނޫނީ ފަންނުގެ ގާނޫނުން ބާރު ލިބިދެނީ ބާ ކައުންސިލަށެވެ. އެ ގާނޫނު ބުނާގޮތުން ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދަން ބާ އިމްތިހާން ހަދަން ޖެހެއެވެ. ނަމަވެސް ބާ ކައުންސިލުން ބުނެފައިވަނީ ބާ އިމްތިހާނު ތައްޔާރު ކުރުމަށް ވަގުތު ނަގައިފާނެ ކަމަށެވެ. އަދި އެކަމަށް ހައްލެއް ގެނައުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށްވެސް ބާ ކައުންސިލުން ބުނެފައިވެއެވެ.

މި ދަނޑިވަޅުގައި ގާނޫނީ ދާއިރާއިން ތައުލީމު ހާސިކުރި ނަމަވެސް ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައި ނުވާތީ، އެ ދާއިރާއިން ތައުލީމް ހާސިލްކުރި ފަރާތްތައް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ.

އެ ދާއިރާގެ 389 ފަރާތުގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވާ އެ ޕެޓިޝަންގައި ވަނީ، ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކޮށް އެ ފަރާތްތަކަށް ވަކާލާތު ކުރުމުުގެ ހުއްދަ ލިބޭނެ ގޮތެއް ހަދައި ދިނުމަށް އެދިފައެވެ.