ސުޕްރީމް ކޯޓް

އިދާރާތަކުގެ އިސްވެރިޔާގެ ސޮޔާ ނުލައިވެސް އުއްތަމަ ފަނޑިޔާރަށް ލިޔުންތައް ފޮނުވޭގޮތަށް ހަދައިފި

އިދާރާތަކުގެ އިސްވެރިޔާގެ ސޮޔަކާ ނުލައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަށް ސިޓީ އާއި ލިއުން ނުފޮނުވޭގޮތަށް އެ ކޯޓުން ނެރެފައިވާ ސާކިއުލާ ބާތިލްކޮށް، އިދާރާގެ އިސްވެރިންގެ ސޮއި ނެތިވެސް އުއްތަމަ ފަނޑިޔާއަށް ސިޓީއާއި ލިއުންފަދަ ތަކެތި ފޮނުވޭގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ އެ ކޯޓަށް ފޮނުވާ ސިޓީތަކާއި ލިއުންތައް އެޑްރެސް ކުރުމާބެހޭގޮތުން 2 ޖުލައި 2018 ގައި އެކޯޓުން ނެރެފައިވާ ސާކިއުލާ އާއި، ރަސްމީ ސިޓީތަކުގައި ސޮއި ކުރުމާއި ސިޓީ އެޑްރެސް ކުރުމާބެހޭގޮތުން 2012 ވަނަ އަހު ނެރެފައިވާ ސާކިއުލާ އާއި، ހައިކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރަންޖެހޭ ދުސްތޫރީ މައްސަލަތައް އިސްތިއުނާފް ކުރަންޖޭގޮތަށް 2016 ވަނަ އަހަރު ނެރުނު ސާކިއުލާ ބާތިލް ކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން 2 ޖުލައި 2018ގައި ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ އެ ކޯޓަށް ފޮނުވާ ލިޔުންތަކާއި ސިޓީތައް އެޑްރެސްކުރަން ޖެހެނީ އުއްތަމަ ފަނޑިޔާރަށް ކަމަށެވެ. އަދި އެެތަކެތީގައި ސޮއިކުރަން ޖެހޭނީ އެތަކެތި ފޮނުވާ އިދާރާއެއްގެ އެންމެ އިސް ވެރިޔާ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

އެ ކޯޓުުން މިއަދު ބާތިލް ކުރި 2012 ވަނަ އަހަރު ނެރުނު ސާކިއުލާގައި ވަނީ ރަސްމީ ސިޓީތަކުގައި ސޮއި ކުރުމާއި އެޑްރެސް ކުރުމާ ބެހޭ ކަންތައްތަކެވެ.

އަދި ބާތިލް ކުރި 2016 ވަނަ އަހަރު ނެރުނު ސާކިއުލާގައި ވަނީ ހައި ކޯޓުން އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބައެއް ބާތިލްކޮށްފި ނަމަ، އެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އަންގާފައެވެ.

މި ސާކިއުލާތައް އުވާލި ސަބަބެއް ސުޕްރީމް ކޯޓަކުން ނުބުނެއެވެ.