ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަބޫދާބީއަށް ވަޑައިގަތުމަށް ނިންމައިފިއެވެ.
އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، ޝާހިދު އަބޫދާބީއަށް ވަޑައިގަންނަވާނެ ކަން ހާމަކުރައްވާފައިވަނީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންނަ މަހުގެ 17 ވަނަ ދުވަހު އިންޑިއާއަށް ކުރައްވާ ދުތުރުފުޅަށް ދިއްލީ އޮތީ ތައްޔާރަށް ކަމަށެވެ.
ރައީސް އަންނަ މަހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ވެގެންދާނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ.
ރައީސް ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އައު ވިސާ އެގްރިމެންޓެއްގައި ސޮއިކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެއާއި އިންޑިއާގެ ގުޅުން އަންނަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވަމުންނެވެ.