ރައްޔިތުންގެ މަޖިލިސް

ބިޒްނަސް ކްލާހުުން 60 ޑޮލަރު، ފަސްޓް ކުލާހުން 90 ޑޮލަރުގެ އެއާޕޯޓް ޓެކްސްނަގަން ހުށަހެޅި ބިލް ބަލައިގެންފި

އިބްރާހިމް ޒަކީ

އެއާޕޯޓުތަކުން، ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސެންޖަރެއްގެ އަތުން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އެއާޕޯޓްޓެކްސް) ނެގުމުގެ އުސޫލަށް ބަދަލު ގެނެސް، ބިޒްނަސް ކުލާހުން ދަތުރު ކުރާ ފަސެންޖަރެއްގެ އަތުން، 60 ޑޮލަރު، ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން 90 ޑޮލަރު ނަގަން ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފިއެވެ.

ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

އެއާޕޯޓް ޓެކްސް ނެގުމަށް މިހާރު ގާނޫނުގައި ކަނޑައަޅާފައި އޮންނަނީ، ކޮންމެ ބިދޭސީ ފަސެންޖަރެއްގެ އަތުން، 25 ޑޮލަރު، ކޮންމެ ދިވެހި ފަސެންޖަރެއްގެ އަތުން 12 ޑޮލަރު ނަގާ ގޮތަށެވެ.

ކެޓަކަރީތައް ތަފާތުކޮށް، ޓެކްސް ނެގުމުގެ އުސޫލަށް ބަދަލުގެންނަން ހުށަހަޅާގައިވާ މި ބިލުގައި ވަނީ، މިހާރު ޓެކްސް ނަގަމުންދާ ގޮތަށް ޓެކްސް ނެގޭނީ ވަކި މުއްދަތެއް ވަންދެން ކަމަށް ކަނޑައަޅައިފައެވެ.

އެއަށްފަހު އޭޕްރީލް މަހުގެ އެކަކުން ފެށިގެން، އިކޮނޮމީ ކްލާހުން ދަތުރު ކުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު، ބިދޭސީއެއްގެ އަތުން 30 ޑޮލަރުން ނަގަން ފެށުމަށް ވަނީ ހިމަނައިފައެވެ.

އަދި ބިޒްނަސްކުލާހުން ދަތުރުކުރާ، ދިވެހިންނާއި ބިދޭސީން ތަފާތު ނުކޮށް 60 ޑޮލަރު ނެގުމަށާއި، ފަސްޓް ކުލާހުން 90 ޑޮލަރު ނެގުމަށް ވަނީ ހިމަނައިފައެވެ.

އަދި ޕްރައިވެޓް ޖެޓްގައި ދަތުރު ކުރާ ފަރާތްތަކުގެ އަތުން 120 ޑޮލަރު ނަގަން އިސްލާހުގައި ހިމަނާފައިވެއެވެ.