ރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީނާއި ވަހީދުގެ ވެރިކަމުގައި ހިންގި ކަންތައްތައް ބަލަން ހުށަހެޅި، ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

އިބްރާހިމް ޒަކީ

1

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު ތަކާއި އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން ރާއްޔިތުންގެ ހާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ބާ ދެވަނަ ބައްދަލުވުމުގައި، މާދަމާރޭ، އިންތިގާލީ އިންސާފުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގެވުގެ ގޮތުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިންތިގާލީ އިންސާފުގެ ބިލް ރައްޔިތުންނާ ހިއްސާ ކުރުން މާދަމާރޭ އޮންނާނެ ކަމަށެވެ.

މި ބިލް ރައްޔިތުންނާ ހިއްސާކޮށް ރައްޔިތުންގެ ހިޔާލުހޯދުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާރޭ 8:30 ގައި މަޖިލިސް އިދާރާގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މާދަމާރޭގެ ބައްދަވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާނީ، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދާއި، އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މި ބައްދަލުވުމަށް ވަޑައިގަންނަވާ އާއްމުން ބިލާ ބެހޭގޮތުން ސުވާލު ކުރުމަށް ދެ މިނިޓްގެ ފުރުސައެއް ލިބޭނެ ކަމަށާއި، ޖަވާބު ދެއްވުމަށް ޕެނަލިސްޓުންނަށް ހަތަރު މިނެޓަށްވުރެ ގިނަ ވަގުތު ނުލިބޭނެ ކަމަށެވެ.

އަދި މާދަމާރޭގެ ބައްދަލުވުމަށް ދާ އާއްމުން މަޖިލީހަށް ވަންނާނީ ހަކުރާ ގޯޅީގައި ހުންނަ ދޮރުން ކަމަށާއި، ހުރިހާ ބޭފުޅުންވެސް މަޖިލީހުގެ ގަވާއިދަށް އިހުތިރާމް ކުރެއްވުން އެދިވަޑައިގަންނަވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ބިލު ގައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018އާ ދެމެދުގައި ހިންގާފައިވާ ކަންތައްތައް ބަލަން އަމާޒު ކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟