ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް ފަސްކުރަން އެމުބާރާތް އިންތިޒާމް ކުރާ ފަރާތުން ނިންމައިފިއެވެ.
މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް19 ގެ ސަބަބުން، އަންނަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ކްލަބް މޯލްޑިވް އަންނަ ޖުލައިމަހުގެ މެދުތެރޭގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފަރާތުން ބުންޏެވެ.
އެކަން އިއުލާން ކުރުމުގެ ގޮތުން ކްލަބް މޯލްޑިވްސްގެ އޮފިޝަލް ވެބްސައިޓުގައި ބުނެފައިވަނީ މި މުބާރާތަކީ އެތައް ހާސް ބަޔަކާ ގުޅިފައިވާ މުބާރާތެއް ކަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބޯލެނބުމުގެ ގޮތުން މުބާރާތް ފަސްކޮށްފައިވާ ކަމަށެވެ.
މި މުބާރާތުގައި މިދިޔަ އަހަރު ފިރިހެން ބައިގައި 32 ޓީމަކުން ވާދަކުރިއިރު އަންހެން ބައިގައި ވާދަކުރީ ނުވަ ޓީމެކެވެ. ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފައިނަލުގައި 6-1 އިން ވެމްކޯ ބަލިކޮށް ހޯދީ ޔުނައިޓެޑް ބީއެމްއެލް އެވެ. ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ޕޮލިސް ކްލަބުގެ މައްޗަށް 4-3 އިން ކުރި ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.
ރާއްޖޭގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކްލަބް މޯލްޑިވްސް ބާއްވާތާ 14 އަހަރު ވެއްޖެއެވެ. މިއަހަރަކީ ފިރިހެން ޑިވިޝަނަށް މި މުބާރާތް ބާއްވާތާ 15 ވަނަ އަހަރެވެ. އަދި އަންހެން ކުޅުންތެރިންނަށް ހުޅުވާލައިގެން މުބާރާތް ބާއްވާ 11 ވަނަ އަހަރެވެ.
ރާއްޖޭގައި ކޮރޯނާވައިރަސް (ކޮވިޑް19) ޖެހުނު މީހުންގެ އަދަދު މިހާރުވަނީ ހަޔަކަށް އަރައިފަ އެވެ.