މަޖިލީހުގެ ރައީސް

މެންބަރުން އިންތިހާއަށް ބޭނުންވަނީ ކައުންސިލް އިންތިބު ބާއްވަން: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

1

އަންނަ މަހު ހަތަރެއްގައި ބާއްވަން ހަމަޖެހިފައި އޮތް، ކޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުންވެވަޑައި ނުގަންނަވާ ކަމަށާއި، ގިނަ މެންބަރުން އިންތިހާއަށް ބޭނުންވަނީ އިންތިހާބު ކުރިއަށް ގެންގޮސް ނިންމަވައިލެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވާހަކަ ދެއްކެވި ބައެއް މެންބަރުން ކޮވިޑް 19 ރާއްޖޭގައި ފެތުރެމުންދާކަން ފާހަގަ ކުރައްވައި ކައުންސިލް އިންތިހާބު ފަސްކުރުން މުހިއްމު ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ހާސްކަން ގައުމުގައި އޮތް މި ދަނޑިވަޅުގައި ކައުންސިލް އިންތިހާބު ލަސްކުރުމާމެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އަދި މި ހާސްކަމުން ނިކުމެ އިންތިހާބަށް ތައްޔާރު ވުމަށް ރައްޔިތުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު ވެސް ވިދާޅުވީ، އިންތިހާބު ބާއްވާން ތިން ހަފުތާއަށް ވެފައި ވަނިކޮށް ކޮރޯނާ ވައިރަސް ފެތުރެމުން މިދާ ވަގުތުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވާ ގޮތަށް އިންތިހާބު ކުރިޔަށް ގެންދިއުމާ މެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން އެޗްޕީއޭއާ ވާހަކަ ދައްކައިގެން އިންތިހާބު ފަސް ކުރުމާމެދު ވިސްނުން މުހިއްމު ކަަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ވޯޓުފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައިވަނީ 14 ރިސޯޓްގައި ކަމަށެވެ. އެހެންކަމުން ވޯޓު ލުމަށް ރިސޯޓްތަކުގައި ތިބޭ މީހުން އެހެން ރަށްރަށަށް ވޯޓުލާން ދިއުމާއި މާލެއާއި އެހެނިހެން ރަށްރަށުންވެސް މީހުން އެއްތަނުން އަނެއް ތަނަށް ދިއުމުގެ ބޮޑު މޫވްމެންޓެއް އިންތިހާބުގެ ތެރޭގައި އަންނާނެ ކަމަށެވެ. އަދި މިހާރު ތިއްބެވި ކައުންސިލަރުންގެ މުއްދަތު އަންނަ ޖޫން މަހަށް ހަމަވާއިރު، ހޫނު ދެމަސް ކަމުގައިވާ މެއި މަހާއި އެޕްރީލްމަސް ދޫކޮށް އިންތިހާބު ބާއްވަން ލަސް ކުރުމަކީ މުހިއްމު ކަމެއް ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އަލީ ހުސެއިން ވިދާޅުވީ، އީރާނުގައި ބޭއްވި އިންހާބުގައި މީހުން އެއްތަނަކަށް އެއްވުމުގެ ސަބުން ކޮވިޑް 19 އިތުރަށް ފެތުރި ނުރައްކާވި ކަމަށެވެ.

ނަމަވެސް ބައެއް މެންބަރުން ވިދާޅުވީ، އިންތިހާބު އޮތް ތާރީހުގައި ބޭއްވުން މުހިއްމު ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ، އިިންތިހާބު މިހާރު އޮތް ތާރީހަށްވުރެ އަވަސް ކުރެވެންޏާ އެކަން ކުރުން މުހިއްމު ކަމަށެވެ. އެއީ މިހާރު ތިއްބެވި ކައުންސިލަރުންނަކީ ދައުރު ނިންމާ ބޭފުޅުން ކަމުން ނުރައްކާތެރި ރޯގާއެއް ފެތުރެމުންދާ ދަނޑިވަޅެއްގައި އެ ފަރާތްތަކުގެ މަސައްކަތްތައް އެކަށީގެންވާ ވަަރަށް ކުރަމުން ނުދާތީ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި އަވަހަށް އިންތިހާބު ބާއްވައި އާ ކައުންސިލަރުން ހޮވައިފިނަމަ ޖޯޝާއެކީ އެ ބޭފުޅުން މަސައްކަތައް ކުރިޔަށް ގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މެންބަރުންގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރޭ މަޖިލިސް މެންބަރުން އެއްކުރައްވައިގެން އިންތިހާބު ލަސް ކުރުމާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި މެންބަރުންގެ ވިސްނުން ހުރީ އިންތިހާބު މިހާރު އޮތް ތާރީހުގައި ކުރިއަށް ގެންގޮސް ނިންމާލުމަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟