އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް އެ މަޖިލީހުން ހަމަޖައްސައި ދެއްވާފައިވާ ވޯކިން ސްޓޭޝަންގައި، އެ މެންބަރަކު އަމިއްލައަށް މުސާރަ ދެއްވާ ގޮތަށް، އެއް މުވައްޒަފަކު ގެންގުޅުމުގެ ހުއްދަ ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރުންގެ ކޮޓަރި ކޮޅުތައް މަޖިލީހުގައި މިހާރު ހުރީ ތައްޔާރުވެފައި ކަމަށާއި މަޖިލީހުގެ މެންބަރުންނަށް ސިޓީއަކުން އެކަން އަންގަވާނެ ކަމަށެވެ. އަދި މެންބަރުން އެދި ވަޑައިގަންނަވާނަމަ، މެންބަރުން މުސާރަ ދެއްވާ ގޮތަށް ކޮންމެ މެންބަރަކަށްވެސް އެއް މުވައްޒަފަކު، އެ މެންބަރެއްގެ ކެބިންގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށާއި، އެ އިންތިޒާމް މަޖިލީހުން ހަމަޖައްސައިދެއްވާނެ ކަމަށެވެ.
"އިއްޒަތްތެރި މެންބަރުން އެދި ވަޑައިގަންނަވަނީ ނަމަ މެންބަރުން މުސާރަ ދެއްވާގޮތަށް ކޮންމެ މެންބަރަކަށްވެސް މުވައްޒަފަކު، ސެކްރެޓަރީއަކު، ޕާސަނަލް އެސިސްޓެންޓަކު، އެ އިއްޒަތްތެރި މެންބަރުގެ ކިއުބިކެލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެވޭނެ، އެއީ ކިިއުބިކަލްގައި މަސައްކަތްކުރާ މެންބަރެއްގެ ސެކްރެޓަރީއެއްގެ ގޮތުގައި،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މުވައްޒަފަކަށް މުސާރަ ދޭނަމަ އެ މެންބަރެއްގެ ކޮމިޓީ އެލަވަންސުންވެސް އެކަން ހަމަޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ވޯކިންސްޓޭޝަންގައި މަސައްކަތްކުރަން ހަމަޖައްސާ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހުގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔަސީ ޕާޓީ ތަކުގެ ކޮންމެ ފަސް ގޮނޑިއަކަށް ސްޓާފެއްގެ ނިސްބަތުން މަޖިލީހުން މުވައްޒަފުން ހަމަޖައްސާފައިވާ ކަމަށެވެ.
އެ މުވައްޒަފުން ކުރިއަށްދާނީވެސް އެ ވޯކިންސްޓޭޝަން ތަކާއެކު ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.