އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހައްދުތަކާ ދެކޮޅަށް ސަރުކާރުން ކަންކަން ނިންމުމަކީ ކަނޑައެޅިގެން އިސްލާމްދީނަށް ކުރެވުނު މަލާމާތެއް އަދި ގޮންޖެހުމެއް ކަމަށް ދީނީ އިލްމްވެރިޔާ، ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ފޭސްބުކް ޕޯސްޓެއްގައި ޝެއިޚް އިލްޔާސް އެހެން ވިދާޅުވެފައިވާ އިރު، މީގެ 65 އަހަރު ކުރީއްސުރެ ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތް އޮތުން ދަމަހައްޓަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
"އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހައްދުތަކާ ދެކޮޅަށް ސަރުކާރުން ކަންކަން ނިންމުމަކީ ކަނޑައެޅިގެން އިސްލާމް ދީނަށް ކުރެވުނު މަލާމާތެއް އަދި ގޮންޖެހުމެއް،" އިލްޔާސްގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޝެއިޚް އިލްޔާސް ވިދާޅުވީ ކުރިން ގޯސްކޮށް ކަމެއް ކުރެވިފައި އޮތުމަކީ މިއަދު އެ ނިންމުން ދަމަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ބަޔަކު ރުއްސަން މަސައްކަތް ކުރުމުގެ ބަދަލުގައި ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށް މަސައްކަތްކުރުން މާ ބުއްދިވެރި އަދި މާ ހެޔޮކަން ބޮޑު ކަމަށެވެ.
"މާޒީން އިބުރަތް ހާސިލުކުރުމަށް ސަރުކާރަށް ގޮވާލަން އިސްލާމްދީނުގެ ޝިއާރުތަކަށް ގޮންޖެހި ކޮންމެ ބަޔަކު ވަނީ ނިކަމެތިވެ ނިމިގެން ގޮސްފައިކަން ހަނދާންކޮށްދެން. ރައްޔިތުން ވެސް މިކަމާ މެދު ފުންކޮށް ވިސްނަވާ ފިކުރު ކުރުމަށް ގޮވާލަން. ސަރުކާރުން މިކަމާ މެދު ވިސްނަވައި، މި ނިންމެވި ނިންމުން މުރާޖައާ ކުރަންވެސް ގޮވާލަން،" އޭނާ ވިދާޅުވިއެވެ.
ޝެއިޚް އިލްޔާސް ވިދާޅުވީ އިސްލާމްދީން ހިމާޔަތްކުރަން ރިއްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދު މަތިން ހަނދާން ނައްތާނުލެއްވުމަށް ވެސް ގޮވާލާ ކަމަށާއި ހިޔާނާތުގެ ނަތީޖާ ރަނގަޅެއް ނުވާނެ ކަމަށެވެ.