ސިއްހީ ސަބަބުތަކަށްޓަކާއި ހުރިހާ އެކަޑަމީތަކުން ކުރިޔަށްގެންދާ ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް އެކަޑަމީތަކަށް އަންގާފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒް(ޖަވާ) ވިދާޅުވެއްޖެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ޖަވާ ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް(ކޮވިޑް19)އާ ގުޅިގެން މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ހުރިހާ އެކަޑަމީތަކުން ހުރިހާ އުމުރުފުރައަކަށް ބާއްވާ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.
ކޮވިޑް19 ގުޅިގެން 2022ގެ ވޯލްޑް ކަޕާއި 2023ގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖޭން މި މަހު ފަހުކޮޅު ޗައިނާ އަދި ސީރިއާއާ ދެކޮޅަށް ކުޅެން ޝެޑިއުލްކޮށްފައިވާ މެޗުތައް ވެސް ފީފާ އިން ވަނީ ފަސްކޮށްފައެވެ.
ކޮވިޑް19 އާއި ގުޅިގެން އިންޓަ ސްކޫލު ކުޅިވަރު މުބާރާތްތަކާއި ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ބައެއް މެރެތަންތައްވެސް ވަނީ ފަސްކޮށްފައެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވް ހަ މީހުން ރާއްޖެއިން މިރެޔާއި ހަމަޔަށް ވަނީ ފެނިފަ އެވެ.