އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބު ގޭ ބަންދަށް ބަދަލުކުރުމުގެ ހުއްދަ ކަރެކްޝަންސް އިން ދީފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ގެއަށް ބަދަލުކުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ ޑޮކްޓަރު ލަފާ ދީފައިވާ ގޮތަށް އަދީބު ގޭބަންދަށް ބަދަލުކުރުމަށް ކަރެކްޝަންސް އިން ހުއްދަ ދީފައިވާ ކަމަށެވެ.

އަދީބު ގޭ ބަންދަށް ބަދަލުކުރުމުގެ ހުއްދަ ކަރެކްޝަންސް އިން ދީފައި މިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އަދީބު ގެއަށް ބަދަލުކުރުމަށް އަންގާފައި ވަނިކޮށެވެ. އެކަމާ ގުޅޭގޮތުން ކަރެކްޝަންސްގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ނަޝްވާ ކުރިން ވިދާޅުވެފައިވަނީ އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަތަކެއް ނެގުމަށް މިދިޔަ ހޯމަ ދުވަހު ކުރި އޮޕަރޭޝަނަށް ފަހު އަދިވެސް ވަރަށް ބޮޑަށް އިންފެކްޝަން އުޅޭ ކަމަށާއި އަދީބު އަދިވެސް އެންޓިބަޔޯޓިކްސް ބޭނުންކުރަމުންދާ ކަމަށެވެ. އަދި އަދީބުގެ ހާލަތު މިހާ ގޯސްވެފައިވަނީ ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ކަރެކްޝަންސް އާއި ފުލުހުން އަމަލުނުކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތަފާތު ކުށްތަކުގައި އަދީބު 33 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އިރު، ޓެރަރިޒަމްގެ މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ އަދީބަށް 15 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރައްވާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ހުކުމް އިއްވާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ކުށް ސާބިތުވުމުންނެވެ.