ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގުޅިގެން 2022 ގެ ވޯލްޑް ކަޕާއި 2023 ގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖޭން މި މަހު ފަހުކޮޅު ޗައިނާ އަދި ސީރިއާއާ ދެކޮޅަށް ކުޅެން ޝެޑިއުލްކޮށްފައިވާ މެޗުތައް ފީފާ އިން ފަސްކޮށްފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒް(ޖަވާ) ވިދާޅުވެއްޖެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ޖަވާ ވިދާޅުވީ މެޗުތައް ފަސްކުރިކަން ފީފާއިން މިހާރު ވަނީ އެފްއޭއެމަށް ވެސް އަންގައިފައި ކަމަށެވެ. ޖަވާ ވިދާޅުވީ ކުރިއަށް އޮތް ދެމަހު މެޗްތައް ނުބާއްވަން ނިންމައި އެކަން އެފްއޭއަށް އަންގާފައިވާއިރު ދެން އެމެޗްތައް ބާއްވާނެ ތާރީހެއް ފީފާއިން އަންގާފައި ނުވާ ކަމަށެވެ. މެޗުތައް ބާއްވާނެ ތާރީހު އިއުލާން ކުރާނެކަމަށް ފީފާއިން ބުނެފައިވާ ކަމަށް ޖަވާ ވިދާޅުވިއެވެ.
ކޮލިފައިންގައި ރާއްޖޭގައި ކުޅުނު މެޗްގައި ޗައިނާ އިން ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. އޭޝިއާ ސަރަހައްދުގެ ކޮލިފައިންގެ ގްރޫޕް އޭގެ ކޮލިފައިންގައި ރާއްޖެއަށް ބާކީ އޮތީ ޗައިނާއާ ވާދަކުރާ މެޗުގެ އިތުރުން ސީރިއާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ މެޗާއި ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗެވެ.
ގްރޫޕުގެ އެއް ވަނައިގައި 15 ޕޮއިންޓް ހޯދައި ސީރިއާ އޮތްއިރު ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަ ޕޮއިންޓާއެކު ރާއްޖެ ހަތަރު ވަނައިގައި އޮތްއިރު ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕުގައި ޗައިނާ ނޫން ހުރިހާ ގައުމަކުން ވަނީ ފަސް މެޗު ކުޅެފަ އެވެ.