ރައްޔިތުންގެ މަޖިލިސް

ކޮވިޑް 19ގެ ގެއްލުމަށް ވުރެ ބޮޑަށް ބައެއް މެންބަރުންގެ ކަންބޮޑުވުން ހުރީ އިގުތިސާދަށް ލިބިދާނެ ގެއްލުމަކަށް

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ރަައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ވުރެ ބޮޑަށް، އެކަމާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުން ރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ގެލުންތަކާބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވާހަކަދައްކަވައިފިއެވެ.

ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުޑނޑުފުނޑުވެގެން ދާކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ތާއީދު ކުރައްވައި މެންބަރުން ވަނީ އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައި ގަތުމަށް ފާސްކޮށްފައެވެ.

އެ ގަރާރަށް ތާއީދުކުރައްވައި ވާހަކަދެއްކެވި މެންބަރުން ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ަޗައިނާއިންނާއި، އިޓަލީން ރާއްޖެއަށް މީހުން އައުން މަނާ ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އެއީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދެ ގައުމު ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ފުނޑުފުނޑުވެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އެ މެންބަރުން ފާހަގަ ކުރެއްވިއެވެ.

މި ކުއްލި މައްސަލަޔަށް ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވީ ކޮވިޑް 19 އަކީ އެހާ ނުރައްކާތެރި ބައްޔެއް ކަމަށް ފާހަގަ ނުކުރެވޭ އިރު، އިގްތިސޯދަށް ގެއްލުންވާ ވަރުގެ ފިޔަވަޅުތަކެއް އެޅުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށެވެ. އެފަދަ ފިޔަވަޅުތައް އަޅާއިރު އިގްތިސޯދަށް ހުއްޓުމެއް ނާންނަ ގޮތް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ މަދުވެ، އިގްތިސޯދު ހީނަރުވެއްޖެނަމަ ކޮވިޑް19 އިން ލިބޭ ގެއްލުމަށްވުރެ މާ ބޮޑު ގެއްލުމެއް ރާއްޖެއަށް ލިބޭނެ ކަމަށެވެ.

މި މައްސަލައިގައި، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޗައިނާ އާއި އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނއިން ފަތުރުވެރިން އަންނަ ދެ ގައުމު ކަމަށެވެ. އެހެންކަމުން އެ ދެ ގައުމުން ފަތުރުވެރިން އައުން ހުއްޓާލުމުން ބަޖެޓުން 3.3 ޕަސެންޓު އުނިވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަމުން އަންނަ ގެއްލުމާ މެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ 95 ޕަސެންޓު މީހުން ބަރޯސާ ވަނީ ޓޫރިޒަމަށް ކަމަށާއި އެކަމުން ގިނަ ބަޔަކަށް ގެއްލުން ވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިއަހަރަކީ ދައުލަތުން އެންމެ ބޮޑު ބަޖެޓު ކަނޑައެޅި އަހަރުކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ މިއަދުގެ ފަތުރުވެރިކަމަކީ ހަމައެކަނި ފަޅު ރަށްތަކުގައި ބަންދު ވެފައި އޮތް ކަމެއް ނޫން ކަމަށެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ވެސް ގެސްޓުހައުސް ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ޝިފާއު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުވައިގެން ވާން ނެތް ކަމަށެވެ.

މި މައްސަލަޔަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވަނީ ޖާބިރުގެ ކުއްލި މައްސަލައާ ދެކޮޅަށް، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފައެވެ.

ޝަރީފް ވިދާޅުވީ، ޖާބިރުގެ ކުއްލި މައްސަލައަކީ ރައްޔިތުންނަށް އޮޅުވާލުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން އަޅަމުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށާއި، ރާއްޖެއަށް ފަތުރުވެރިން އައުމާއި ބޯޓުފަހަރު އައުން ސަރުކާރުން މަނާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، ސަރުކާރުން ފިޔަވަޅުތައް އަޅާފައިވަނީ އިގްތިސޯދަށް އެންމެ ކުޑަކޮށް ލޮޅުން އަރާ ގޮތަށް ކަމަށެވެ. އަދި އެ ފިޔަވަޅު ތަކަކީ ރައްޔިތުން ސަލާމަތްކުރަން އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އިޓަލީގައި ބާރަށް މި ބަލި ފެތުރެމުންދާތީ ހުދު އިޓަލީގެ ލަމްބާޑީ ސަރަަހައްދުގެ ސޯޅަ މިލިޔަން މީހުން ކަރަންޓީނު ކޮށްފަ އޮތީ، އިޓަލީގެ އެހެން ސަރަަހައްދުތަކަށް ދިއުން މަނާކޮށްފަ އޮތީ، ރާއްޖޭގައި ވެސް އެޅީ ހަމަ އެކަހަލަ ފިޔަވަޅެއް، ރައްޔިތުން ސަލާމަތްކުރަން އަޅަން ޖެހޭ ފިޔަވަޅުތައް މިއަޅަނީ ޓޫރިޒަމަށް ވެސް އެހެން ވިޔަފާރިތަކަށް ވެސް މާބޮޑު ބުރައަކަށް ނުވާ ގޮތަށް،" ޝަރީފް ވިދާޅުވިއެވެ.

މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ރާއްޖޭންވެސް އަޅަމުން ގެންދަނީ އެހެން ގައުމުތަކުންވެސް އަޅާފަދަ ފިޔަވަޅުތަކެއް ކަމަށެވެ. އަދި ޖާބިރު ހުށަޅުއްވާފައިވާ މައްސަލައިގެ ސަބަބުން ރައްޔިތުންނަށް އޮޅުންތަކެއް އަރަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

""އިއްޒަތްތެރި މެންބަރު ހުށަހަޅާފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ އިކޮނޮމީއަށް ވަރަށްބޮޑު ގެއްލުން ވެޔޭ، އެެހެންވީމާ ކޮރޯނާ ވައިރަސް ޖެހުނަސް، ނުޖެހުނަސް، އެތެރެ ކުރާށޭ އިކޮނޮމީ ފުނޑު ފުނޑު ވެގެންދަނީއޭ" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.