އިބްރާހިމް ޒަކީ
ކޮރޯނާ ވައިރަހުން ސަލާމަތް ވުމަށްޓަކައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދުރާލައި އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފިއެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން، މަޖިލިސް ރައީސް ދެއްކެވި ވާހަކަފުޅުގައި އެންމެ ބޮޑަށް ފާޑު ވިދާޅުވީ، އެބަލީގެ މީހުން ކަރަންޓީނު ކޮށްގެން ބޭސް ކުރަމުން އަންނަ މައްސަލައާއި އެބަލި އެންމެ ވަރުގަދައަށް ފެތުރެމުންދާ ބައެއް ގައުމުތަކުގެ ފްލައިތްތައް ރާއްޖެ އައުން ހުއްޓުވާފައިވާ މައްސަލައަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމާ ގުޅިގެން ދުރާލައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް، މަޖިލިސް ރައީސް މިއަދު ވިދާޅުވީ، އިޓާލީން ރާއްޖެއަށް ބޯޓު އައުން ހުއްޓުވުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށާއި، އެ ބޯޓަށް ރާއްޖެ އާދެވެން ޖެހޭނެ ކަމަށް ކުއްލި މައްސަލައިގައި ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި އިޓަލީން ރާއްޖެއަށް ބޯޓު ނައި ނަމަވެސް އިޓަލީން އިނގިރޭސި ވިލާތަށާއި، ޖަރުމަނާއި، ޔޫރަޕްގެ އެހެން ގައުމުތަކަށް އެގައުމުގެ ބޯޓުތައް ދަތުރުކުރާ ކަމަށާއި، ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް ބޯޓު ފަހަރު އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެ ބައްޔާ ގުޅިގެން ރާއްޖެއަށް ބޯޓެއް އައުން ހުއްޓާލަންޏާ ހުރިހާ ކަމެއް ހުއްޓާލަން ޖެހޭ ކަމަށެވެ.
އަދި ރަމްޒީ ގޮތުން ނޫން ގޮތަށް، ކޮރޯނާ ވައިރަސް އަޔަ ނުދިނުމަށް ބޯޓު ފަހަރު ރާއްޖެ އައުން ހުއްޓާލާނަމަ، ހުރިހާ ކަމެއް ހުއްޓާލާ މިންވަރަށް ދާން ޖެހޭ ކަމަަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި ހަމަ އެގޮތަށް ހުރިހާ ގައުމަކުން ބޯޓުފަހަރު އައުން ހުއްޓާލަން ޖެހޭ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"މީގަ ފާހަގަވަނީ އިޓަލީން ބޯޓު ދޭ އިނގިރޭސި ވިލާތަށް، ޖަރުމަނަށް، ޔޫރަޕްގެ އެހެން ގައުމުތަކަށް، އަދި ޔޫރަޕްގެ އެގައުމުތަކުން ރާއްޖެއަށް ބޯޓު އާދޭ، ހުއްޓާލަންޏާ އެބަ ސާފުވާން ޖެހޭ ހުއަޓާލަން މިޖެހެނީ މުޅި ހުރިހާ ކަމެއްކަން، އަޅުގަނޑުމެން ހުއްޓާލާންޏާ ހުއްޓާލަން މިޖެހެނީ، ހުރިހާ ގައުމަކުން އައުންކަން، ރަމްޒީގޮތުން ހުއްޓާލާ ހުއްޓާލުމެއް ނޫން ގޮތުގައި. ވައިރަސް އަޔަ ނުދިނުމަށް ހުއްޓާލާ ކަމަށް ވަނީވިއްޔާ އެބަ ހުރިހާ ކަމަކުން ހުއްޓާލުމުގެ މިންވަރަށް އެބަ ދާންޖެހޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މިރޯގާ ފެތުރުނަ ނުދީ ހިފެހެއްޓިދާނެތޯވެސް މަޖިލިސް ރައީސް ސުވާލު ކުރެއްވިއެވެ.
އެމަނކުފާނު ވިދާޅުވީ، އެގޮތަށް މި ރޯގާ ފެތުރުނަ ނުދީ ކޮން މިންވަރަކަށް ހިފެހެއްޓޭނެތޯ އާއި، ހިފެހެއްޓިފައި އޮތީ ކޮން ގައުމެއްގައިތޯވެސް މަޖިލިސް ރައީސް ސުވާލު ކުރެއްވިއެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން އެ ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން ކަރަންޓީނު ކުރުމަށް ހަރުދަނާ ނިޒާމުތަކެއް ސަރުކާރުން ކަނޑައަޅާފައި ވަނިކޮށް، މަޖިލިސް ރައީސް ވިދާޅުވީ، ސަރުކާރުގެ ސިއްހީ ނިޒާމު މިހާރަށްވުރެ ހަރުދަނާ ވާން ޖެހޭ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެޗްޕީއޭއިން ނެރެފައި އޮންނަ އުސޫލުން، ކޮރޯނާ ވައިރަހުން، ކޮވިޑް 19 ޖެހޭ މީހުން މިހާރު ވަކިކޮށް އެކަހެރިކޮށް އެރަށް ވެސް ބަންދު ކުރަނީ ކަމަށެވެ. ނަމަވެސް ބަލިމީހާއަށް އެމީހާގެ ގޭގައި ފަރުވާ ލިބޭނެ ގޮތް ހަމަޖެހެން ޖެހޭ ކަމަށައި، ރަށުގެ ހެލްތު ސެންޓަރުގައި ވެސް އޭނާއަށް ފަރުވާ ދެވިދާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރަށަކުން މީހާ ބަލިވެއްޖެނަމަ އޭނާ އެރަށުން އެހެން ރަށަކަށް ގެންދިއުން އެއީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.