މަޖިލީހުގެ ރައީސް

ކޮރޯނާ ޖެހޭ މީހުންނަށް ފަރުވާދޭންވީ ރަށުގެ ހެލްތު ސެންޓަރުގައި ބާއްވައިގެން: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

6

ކޮރޯވާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް 19ގެ ބަލިޖެހޭ މީހުން އެކަހެރި ކުރުމުގެ ބަދަލުގައި އެމީހުންނަށް ފަރުވާ ދޭންވީ އެ ރަށެއްގެ ހެލްތު ސެންޓަރުގައި ބާއްވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާ މައްސަލައިގައި ދިވެހި ސަރުކާރުން އަަޅަމުން ގެންދާ ފިޔަވަޅު ތަކާ ބެހޭގޮތުން، ރއްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މެންބަރުން ފާހަގަ ކުރެއްވި ކަންތައްތައްކެއް ގޮތުގައި ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ކޮވިޑް 19އިގެ ބަލިމީހާ އެރަށުން އެހެން ރަށަކަށް ގެންދިއުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.

ކޮވިޑް 19 އަކީ ފަސޭހައިން ވައިރަހުން ޖެހޭ ބައްޔަކަށް ވާތީ، އެ ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި، ބަލި ޖެހޭ މީހުން ކަރަންޓީނުކޮށް ޓެސްޓު ކުރުމާއި، ފަރުވާދިނުމާބެހޭ ގޮތުން ދުރާލައި ސަރުކާރުން ފިޔަވަޅުތައް އަޅާފައި ވަނިކޮށް، މަޖިލިސް ރައީސް މިއަދު ވިދާޅުވީ، މިކަމުގައި އަމަލު ކުރަން ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ، ބަލި މީހާއަށް އޭނާގެ ގޭގައި ފަރުވާދެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ. އަދި އެކަމަށް އޮތް ހައްލަކީ ބަލި ޖެހޭ މީހާ އެމީހާގެ ރަށު ހެލްތު ސެންޓަރުގައި ބާއްވައިގެން ފަރުވާ ދިނުން ކަމަށާއި، ރަށު ރއްޔިތުން ބަލި ނުޖެހޭނެ ގޮތަށް ދިރިއުޅުމުގެ ހާލަތު ބަދަލު ކުރުން ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ރަށުގައި މީހަކަށް މި ރޯގާ ޖެހުނީމާ އެރަށުގެ ހެލްތު ސެންޓަރަށް އެމީހާ ގެންގޮސް އެތަނުގައި އެމީހާ ބާއްވައިގެން އެތަނުގައި އެމީހާއަށް ފަރުވާ ދޭންވީ، އަދި ރަށުގެ ހުރިހާ ރައްޔިތުން ވެސް ބަލި ނުޖެހޭނޭ ގޮތްގޮތަށް އެމީހުންގެ ދިރިއުޅުން ބަދަލު ކުރަންވީ، އަތްފައި ދޮވުމާއި ކެއްސާއިރު ބެލުމާއި، އެހެންގޮސް ރޯގާ ނާރާނެހާ ގޮތް ހެދުން،" މަޖިލސިް ރައީސް ވިދާޅުވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް ޑަބްލިޔުއެޗްއޯގެ ލަފަޔާއި އެއްގޮތަށް އަޅަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ކަމުގެ އާންމު މައުލޫމާތު ދިނުމަށް ނޫސްވެރީންގެ ބައްދަލުވުންތައް ބާއްވައި މީޑިއާތައް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ވެސް ގިނަ ކަންތައްތަކެއް ކަމާ ގުޅޭ ހުރިހާ މުއައްސާތަކުން އަންނަނީ ކުރަމުންނެވެ. ކޮރޯނާ ވައިރަހުން ޖެހޭ ކޮވިޑް 19 އަކީ ފަސޭހަކަމާ އެކު އެކަކު ގައިން އަނެކެއްގެ ގަޔަށް އަރާ ބައްޔަކަށް ވާތީ، ބައްޔަށް ޕޮސިޓިވް ވާ މީހުން އެކަހެރިކޮށް ބައިތިއްބައިގެން ފަރުވާ ދެވޭނެ ނިޒާމު ސަރުކާރުން ވަނީ ގާއިމުކޮށްފަ އެވެ. އަދި ބައްޔަށް މީހަކު ޕޮސިޓިވް ވެއްޖެ ނަމަ އަމަލު ކުރާނެ ހާއްސަ އުސޫލުތަކެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟