ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އަކީ ސަރުކާރުގެ ތެރޭގައި ހުންނަވައިގެން، ސަރުކާރަށް ޖެއްސުން ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ، ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރުމުގެ ގާބިލްކަން ހޯދުމުގެ ގޮތުން ވަރަށްކުރިއްސުރެ ޑަބްލިއުއެޗްއޯގެ އެހީގައި ހޯދާފައިވާ އިންފުލުއެންޒާއަށް ޓެސްޓް ކުރެވޭ ކައިޖިން މެޝިން އައިޖީއެމްއެޗްގައި ހުންނަތާ ތިން އަހަރު ވެއްޖެ ކަމަށެވެ.
އަދި އެއާޕޯޓްތަކުގައި ކެމެރާ ހަރުކޮށްފައިވާ ކަަމަށް ފަހުރުވެރިކަމާއެކު ހެލްތު މިނިސްޓަރު ވިދާޅުވާއިރު، އެތަކެތި ރާއްޖެ ގެނައުން ލަސް ކުރެއްވީ ހެލްތު މިނިސްޓަރު ކަމަށްވެސް ވިދާޅުވިއެވެ.
އެކަން ފާހަގަ ކޮށް އަފީފު ވިދާޅުވީ، ހެލްތު މިނިސްޓަރަކީ ސަރުކާރު ތެރޭގައި ހުންނަވައިގެން ސަރުކާރަށް ޖެއްސުން ކުރައްވާ ބޭފުޅެއް ކަމަށެވެ.
އަދި އޭނާއާ ދޭތެރޭ ރައީސުލް ޖުމްހޫރިއްޔާ އާއި ސަރުކާރުން ވެސް ވިސްނަން ޖެހޭ ކަމަށް އަފީފު ވިދާޅުވިއެވެ.