ޓުއަރިޒަމް

ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްތަކަށް، އެކްސްކާޝަން ނުދިއުމަށް ޓޫރިޒަމް މިނިސްޓަރު އިލްތިމާސްކުރައްވައިފި

އިބްރާހިމް ޒަކީ

ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްތަކަށް، އެކްސްކާޝަންތަކަށް މިދުވަސްވަރު ނުދިއުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިލްތިމާސްކުރައްވައިފިއެވެ.

ޓޫރިޒަމް މިިނިސްޓަރު މިކަމަށް އިލްތިމާސް ކުރެއްވީ، ކޮވިޑް 19 އާބެހޭ މައުލޫމާތު ދެއްވުމަށް ރައީސުލް ޖުމްހޫރިއްްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ހާލަތްތަކުގަިއ މަނާކޮށް މަޖުބޫރު ކޮށްގެން ކަންކަން ކުރުމުގެ ބަދަލުގައި، ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާތަކެއްވެސް އެބަހުރި ކަމަށެވެ. ނަމަވެސް ސަލާމްތީ ގޮތުން ވިޔަވަޅު އަޅަން ޖެހިއްޖެ ހިނދެއްގައި މަނާކޮށްގެން ނަމަވެސް އެ ފިޔަވަޅެއްް އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާއަށް ޕޮޒިޓިވްވި ދެމީހުން ހިމެނޭ ކުރެއްދޫ ރިސޯޓާބެހޭ މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާަޅުވީ، އެ ރިސޯޓުގައި 699 ފަތުރުވެރިން އެބަތިބި ކަމަށެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ އިނގިރޭސި ވިލާތުގެ މީހުން ކަމަށާއި، އެގައުމުގެ 215 މީހުންނާއި ޖަރުމަން ވިލާތުގެ 210 މީހުން ހިމެނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.