ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ހަލުވިކާމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖެއިން ވެސް ފެނިފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ އާންމުންނަށް އިލްތިމާސް ކުރުމުންނެވެ. ގިނަ ގިނައިން އަތް ދޮވުމާއި މޫނުގައި އަަތް ނުކޭއްތުން ފަދަ ވަރަށް އާދައިގެ ކަންކަމުން، މި ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން މައުލޫމާތު ދެއެވެ.
ސިއްހީ ތަޖުރިބާކާރުން ދޭ ނަސޭހަތަކީ، މިބަލި ރާއްޖެއިން ފެނުމުން ޕެނިކް ވުމުގެ ބަދަލުގައި އަމިއްލަ ސާފުތާހިރުކަން ރަނގަޅުކޮށްފި ނަމަ މިއީ ވަރަށް ފަސޭހައިން ސަލާމަތް ވެވި، ރައްކާތެރި ވެސް ވެވޭނެ ރޯގާއެއް ކަމެވެ.
މިރޯގާ ރާއްޖެއިން ފެނުމާއެކު އަތް ދޮންނަން ބޭނުން ކުރާ ސެނިޓައިޒާގެ އަގުބޮޑުވެގެން ދިޔަ ވާހަކަ ހިއްސާކޮށް ބައެއް އާންމުން ވަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މާސްކާއި ސެނެޓެއިޒާ ގިނަ ތަންތަނުން ހުސްވެފައިވާތީ ބައެއް ރައްޔިތުން ދަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
ނަމަވެސް ސުވާލަކީ ކޮވިޑް19 އިން ރައްކާތެރި ވެވެން އޮތީ ހަމައެކަނި ސެނިޓައިޒާ ބޭނުން ކޮށްގެންހެއްޔެވެ؟ އަތްދޮންނަން ނުވަތަ އަތުން ޖަރާސީމު ފިލުވަން ސެނެޓައިޒާ ނޫން ގޮތެއް ނެތް ހެއްޔެވެ؟
ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުގައި މިވައިރަހުން ރައްކާތެރި ވުމަށްޓަކައި އަހަރެމެންގެ ދިރިއުޅުގެ ބައެއްކަން ބަދަލުކުރަން ޖެހެ އެވެ. އެގޮތުން މަގުމައްޗާއި އާންމު ތަންތަނަށް ކުޅު ނުޖެހުމާއި ކެއްސައި ކިނބިހި އަޅާނަމަ ގޭގައި މަޑުކުރުމަށް ސިއްހީ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ކެއްސައި ކިނބިހި އަޅާއިރު އަތުގެ ހުދުހަމަށް ނޭޅުން، ޓިޝޫއެއް ނެތްނަމަ އުޅަބޮއްޓަށް އެޅުން، ލޮލާއި ނޭފަތް އަދި އަނގަ ހިމެނޭ ހިސާބުގައި އަތް ލުން މަދުކުރުމުގެ އިތުރުން ސައިބޯނިލައިގެން ގިނައިން އަތްދޮވުން ހިމެނެއެވެ. އަދި އެހެން ގޮތެއް ނެތިގެން ނޫނީ، ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ޑޮކްޓަރުން އަންނަނީ ލަފާ ދެމުންނެވެ.
ގިނަ ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން ވިދާޅުވާގޮތުން އަތްދޮވެ ސާފުކުރަން އަދި ޖަރާސީމާއި ވައިރަސް ނައްތައިލަން ސެނަޓައިޒާއަށް ވުރެ ސައިބޯނި މާ ރަނގަޅެވެ.
އެގޮތުން އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަތް ދޮންނަން ރަނގަޅީ އާދައިގެ ސައިބޯނި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސައިބޯނި ލައިގެން އަތް ދޮންނަ ކޮންމެ ފަހަރަކު އަތުގައި ހުންނަ ވައިރަހާއި ޖަރާސީމުތަކުގެ 98 ޕަސެންޓް ނައްތައިލެވެއެވެ. އަދި އެންމެ ސައިބޯންޏަކުން ގިނަ ބަޔަކު ބޭނުން ކުރިޔަސް މައްސަލައެއް ނެތް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
ކޮންމެހެން އަތް ދޮންނަން ޖެހޭ ހާލަތްތަކަކީ ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ފަހުން، ކާން ފެށުމުގެ ކުރިން، ބަލި މީހަކަށް އެހީތެރިވުމުގެ ކުރިންނާއި ފަހުން، ފާހާނާ ބޭނުން ކުރުމުގެ ފަހުން، ކިނބިހި އެޅުމަށް ފަހު، ޖަނަވާރެއްގައި އަތް ލުމަށް ފަހު އަދި ކުނީގައި އަތްލުމަށް ފަހު ފަދަ ވަގުތުތަކެވެ.
ސެނަޓައިޒާއާއި ގުޅޭ ގޮތުންޑރ. މުހައްމަދު އަލީ ވިދާޅުވީ "ސެނަޓައިޒާ މިވާ ގޮތަކީ މާ އަވަހަށް ހިކެނީ. އެހެންވެ މުޅި އަތް ސާފު ނުކުރެވޭ ފަހަރު އާދޭ. އޭގެ ބަދަލުގައި ސައިބޯނިން އަތް ދޮންނަ ނަމަ މުޅި އަތް ރީއްޗަށް އެބަ ދޮވެވޭ،" ކަމަށެވެ.
ސައިބޯނިން އަތް ދޮވުމަށް ބާރުއަޅައި ޑޮކްޓަރު މުހައްމަދު އަލީ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ "އަތްދޮވެފިންތަ؟ އަތް؟ އަހަރެންވެސް ބޭނުންކުރަނީ ލަކުސް ސައިބޯނި! އަގުބޮޑު އެއްޗެހި ދޫކޮށްލާ!" މިހެންނެވެ. އެހެންކަމުން ގިނަ ގިނައިން އަތްދޮވެ އަދި އެހެން މީހުންނަށް ވެސް އަތް ދޮވުމަށް ހަނދާން ކޮށްދިނުން މުހިންމެވެ.
އެންމެ އާދައިގެ ސައިބޯނިން އަތް ދޮވުނަސް ޖަރާސީމާއި ވައިރަސްތަކުން ސަލާމަތް ވެވޭނެ ކަމަށް، ސިއްހީ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން ބަލިން ރައްކާތެރި ވުމަށްޓަކައި ސެނެޓައިޒާ އާއި އަގުބޮޑެތި އުފެއްދުން ތަކުގެ ބަދަލުގައި އެންމެ އާދައިގެ ސައިބޯނި ލައިގެން އަތްދޮވުމަކީ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލެވެ. ހަރަދުވެސް ކުޑަވެ، ބޭނުންވާ މަގުސަދުވެސް ފަސޭހައިން ހާސިލު ކުރެވޭނެ އެވެ.