ދައްތަ ކަރިސްމާ ކަޕޫރާއެކު ފިލްމެއް ކުޅުމަށް ލިބިފައި ނުވާ ކަމަށް ސުޕަސްޓާ ކަރީނާ ކަޕޫރު ޚާން ބުނެފިއެވެ.
ކަރީނާ މިހެން ބުނީ 2001 ގައި ރިލީސްކޮށްފައިވާ ފިލްމު "ޒުބެއިދާ"ގެ ސީކުއިލުގައި ދެބޭން އެކުގައި ފެނިގެންދާނެ ކަމުގެ އަޑުތައް އަރާފައިވާތީ ކަރީނާއަށް ނޫސްވެރިން އަމާޒު ކުރި ސުވާލަކަށް ދިން ޖަވާބުގައެވެ.
މީގެ ހަފުތާއެއް ކުރިން ފިލްމު "ޒުބެއިދާ"ގެ ސީކުއިލެއް ހަދަން ނިންމާފައިވާކަން އިއުލާން ކުރީ ފިލްމު އުފައްދާ ފަރާތް ކަމުގައިވާ ޚާލިދު މުހައްމަދެެވެ. ނަމަވެސް ފިލްމުގެ ތަރިންގެ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ޒުބެއިދާގެ ފުރަތަމަ ފިލްމުގައި ފެނިގެންގޮސްފައިވަނީ ވެސް ކަރިސްމާ ކަޕޫރެވެ. އަމްރިޝް ޕޫރީ، މަނޯޖް ބާޖްޕާލް އަދި ރޭކާ އެފިލްމުގެ މުހިންމު ރޯލުތަކުން ވަނީ ފެނިގެން ގޮސްފައެވެ.
އެ ފިލްމަކީ މަންމަ ކުއްލި ގޮތަކަށް އެކްސިޑެންޓެއްގައި މަރުވުމުން އެމަރުގެ ހަގީގަތް ހޯދައި މަންމަގެ ދިރިއުޅުމާ ބެހޭ މައުލޫމާތު ހޯދަން ފިރިހެން ދަރިފުޅަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. އަޑުތައް އަރާފައިވާ ގޮތުގައި މި ފިލްމު ވެގެންދާނީ ކަރިސްމާ އަދި ކަރީނާ އެކުގައި ފުރަތަމަ ފަހަރަށް ފިލްމަކުން ފެނިގެންދާނެ ފިލްމަށެވެ.
ނަމަވެސް ނޫސްވެރިން ކުރި ސުވާލަށް ކަރީނާ ދިން ޖަވާބުގައި ބުނީ ދައްތަ އެންމެ ކުރާ ހިތްވާ މަސަައްކަތަށް އެނބުރި އައުމުން އެކަމާ އުފާ ކުރާ ކަމަށެވެ.
"ދައްތަ އެންމެ ބޭނުންވާ ކަންތަކަކީ އެކްޓް ކުރުން. އެހެންވީމަ ވަރަށް އުފާވޭ އެނބުރި އިންޑަސްޓްރީން ފެނިގެންދާނެތީ. ނަމަވެސް އަހަރެން އެފިލްމުން ފެންނާނެ ކަމަށް ދެކެވޭ ވާހަކަތަކާ މެދު ހައިރާން ވޭ. އަހަރެންނަށްވެސް ފެނުނީ އޮންލައިނުން އެވާހަކަ. އަދި މިހާތަނަށް ފިލްމު ހުށަހަޅާފައެއްނުވޭ. ނަމަވެސް ދައްތައާއެކު ފިލްމެއް ކުޅެން ފުރުސަތު ލިބުން ވެގެންދާނީ ލިބޭ ބޮޑު ޝަރަފަކަށް" ކަރީނާ ބުންޏެވެ.