ކުޅިވަރު

ކޮރޯނާއާއި ގުޅިގެން، ޕީއެސްޖީ އާއި ސްޓްރަސްބާގް މެޗް ފަސްކޮށްފި

އައިދާ އަބްދުލް ހަކީމް

ފްރާންސް ލީގުގައި މިރޭ ސްޓްރަސްބާގް އާއި ޕީއެސްޖީ ވާދަކުރަން ހަމަޖެހިފައި އޮތް މެޗް ފަސްކޮށްފި އެވެ.

މިރޭ ކުޅެން ހަމަޖެއްސި މެޗް ކެންސަލް ކޮށްފައިވަނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް(ކޮވިޑް19) ފްރާންސްގައި ފެތުރެމުންދާތީ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީން ޓޭބަލްގެ ދިހަ ވަނައިގައި އޮތް ސްޓްރަސްބާގް އާ ދެކޮޅަށް ނުކުންނަން ހަމަޖެހިފައި އޮތް މެޗް ފަސްކޮށްފައިވީ ނަމަވެސް އެ މެޗް ފަހުން ކުޅޭނެ ވަކި ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.

ފްރާންސްގެ ކަމާ ގުޅޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ޕީއެސްޖީގެ މެޗް ފަސްކުރަނަ ނިންމީ މެޗް ބަލަން ދާ 26،000 ސަޕޯޓަރުންގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި މީހުންނަކީ ވައިރަސް އެންމެ ބޮޑަށް ފެތުރެމުން ދާ ސަރަހައްދުތަކުން ދާ މީހުން ކަމަށްވާތީ، ވައިރަސް އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވުމާ އެކު އެވެ.

މިއީ ކޮރޯނާ ވައިރަހުގެ ސަބަބުން ފްރެންޗް ލީގުގެ މެޗެއް ފަސްކުރި ފުރަތަމަ ފަހަރެވެ. ފްރާންސްގައި ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި ވައިރަހުގެ ސަބަބުން ފްރާންސުން މިހާތަނަށް ނުވަ މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ފްރާންސްގައި ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރިދާނެ ކަމުގެ ބިރަށްޓަކައި އެގައުމުގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި ހިމެނޭ ސްކޫލްތަކުގެ ކިޔެވުން އަންނަ ހޯމަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ބަންދުކުރަން ނިންމައިފައިވާކަން ފްރާންސްގެ ބޮޑު ވަޒީރު އެޑުއާޑް ފިލިޕޭ ވަނީ އިއުލާންކުރައްވައިފަ އެވެ.