ކޮވިޑް-19 އާއި ގުޅިގެން، މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ކަމަށް ބުނެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން ބާއްވަން އޮތް ޖޭޕީގެ "ދީނާ ގައުމުގެ ދިފާއުގައި" ޖަލްސާ ފަސްކޮށްފި އެވެ.
މި ޖަލްސާ ބާއްވަން ނިންމާފައި އޮތީ މިމަހުގެ 13 ވަނަ ދުވަސް ކަމަށް ވާ، އަންނަ ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވާ ސަރަހައްދުގައެވެ.
ޖޭޕީން ބުނީ، ރާއްޖެއަށް ޒިޔާރަތްކުރުމަށްފަހު، ގައުމަށް އެނބުރި ދިޔަ ބައެއް ފަތުރުވެރިންގެ ކިބައިން ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ އަސަރު ފެނިފައި ވުމުން، އެ ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށާއި ދިވެހީންނަށް ވެސް ފޯރަފާނެކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑު ވެފައިވާ ކަމަށެވެ.
މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރި ކަމެއް ކަމުގައި ނުދެކޭތީ، އަދި މިފަދަ ހާލަތްތަކުގައި އެފަދަ އެއްވުމަކުން ލިބިދާނެ ސިޔާސީ ފައިދާއަކަށްވުރެ ބޮޑަށް ރައްޔިތުންގެ ދުޅަހެޔޮކަމާއި، ރައްކާތެރިކަމާއި ސަލާމަތަށް އިސްކަންދިނުން އެއީ ކޮންމެ ފަރުދެއްގެވެސް އެންމެ އިސް ޒިންމާއަށް ހަދަން ޖެހޭ ކަމަށްވެސް ޖޭޕީން ބުންޏެވެ.
އެހެންކަމުން މި ދަނޑިވަޅުގައި "ދީނާއި ގައުމުގެ ދިފާއުގައި"ގެ ނަމުގައި މިމަހު 13 ވާ ހުކުރު ދުވަހު އަލިމަސްކާނިވާ ސަރަހައްދުގައި ބާއްވަން ރާވާފައިވާ އާއްމު ޖަލްސާ، ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވީ ކަމަށެވެ.
މި ޖަލްސާ ފަސް ކުރުމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން، (ޖޭޕީ)ގެ ސްޓްރެޓީޖިކް ޕްލޭނިން ކޮމިޓީގެ މެންބަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ވިދާޅުވީ، މިއީ ގައުމުގެ އެއްބައިވަންތަކަމުގެ ވަގުތު ކަމަށެވެ.
އެއްވެސް ޕާޓީއެއް، އެއްވެސް ކުލަޔަކަށް ނުބަލައި މުޅި ގައުމާއި ރައްޔިތުންގެ ހައްގުގައި މިވަގުތު އެންމެން މަަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޖޭޕީގެ ޖަލްސާގެ އިތުރުން ނިއުސް ކޮންފަރެންސްތައް ވެސް އެކަމާގުޅުގެން މިއަދުން ފެށިގެން ހުއްޓައިލީ ކަމަށެވެ. އަދި ގައުމުގެ ހާލަތު މިހާރު އޮތް ހާލަތަށްވުރެ ރަނގަޅު ވުމުން ޖަލްސާ ބާއްވަން ނިންމާނެ ދުވަހެއް ފަހުން ހާމަ ކުރައްވާނެ ކަމަށްވެސް ނިހާނު ވިދާޅުވިއެވެ