(02 މާޗުގެ އަދަދާއި ގުޅޭ)
"ބޭބޭއެވެ. އޭނާއަކީ ބޭބެގެ ދުޝްމިނެއް ނޫނެވެ. އޭނާގެ ވާހަކަފުޅުން އަޅުގަނޑަށް ޔަޤީންވިއެވެ. ޢަރަބީންނާއި އީރާނާ ދެމެދު ހިނގާ ހަނގުރާމަޔާމެދު އޭނާގެ ޚިޔާލުފުޅު ކޮންމެ ގޮތަކަށް ހުއްޓަސް ޖިހާންދާދުގެ ކޮއްކޯފުޅުގެ ގައިކޮޅުގައި ކުޑަކުޑަ ކޫރުމެއް އެޅުމަކީވެސް އޭނާ ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ."
"އަޅުގަނޑު އޭނާގެ ހަމްދަރުދީއެއް ބޭނުމެއް ނޫނެވެ. އަޅުގަނޑު ހައިރާންވެއްޖައީމެވެ. މުސްލިމުންނާ އެއްބަޔަށް ހުންނަވައި އޭނާއަށް މިގެއަށް ވަޑައިގަންނަވާން ކެރިވަޑައިގަތީ ކީއްވެގެންބާވައެވެ؟"
ماه بانو ޖަވާބު ދެއްވިއެވެ. "ލޯބިވާ ބޭބޭއެވެ. ބޭބެއަށް އެނގިވަޑައިގެންފައި ނެތީކަމުގައި ވާދެނެއެވެ. އޭނާ މިގެއަށް ވަޑައިގަތީ ތިޔަށްވުރެ މާ ޖެހިލުންކުޑަކަމެއް ސާބިތުކޮށްދެއްވައިފައެވެ. ބޭބެ އަޑުއައްސަވައިފައިވާނެކަން ނޭނގެއެވެ. މުސްލިމުންގެ ކޮމާންޑަރ އިން ޗީފްގެ ސަފީރެއް ހުރުމުޒުގެ އަރިހަށް ވަޑައިގެން ދަރުބާރު ފުރިފައިވަނިކޮށް އޭނާ ބިރުގަންނަވާން މަސައްކަތް ކުރެއްވިއެއް ނޫންތޯއެވެ؟"
"އަޅުގަނޑު ތިޔަ ވިދާޅުވި ސަފީރެއްގެ ވާހަކަ އަޑުއެހީމެވެ. އަޅުގަނޑަށް ހީވަނީ އެމީހަކު ހުރުމުޒުގެ އަރިހަށް އެދިޔައީ ދިރިއުޅުންދެކެ ފޫހިވެގެންހެންނެވެ. ހުރުމުޒުވެސް އޭނާގެ ޙަޔާތްޕުޅުގައި އެންމެ ފުރަތަމަ ފަހަރަށް މޮޔައެއްގެ ލެއިން އޭނާގެ އަތްޕުޅުގައި ކުލަ ނުޖައްސަވައި ދޫކޮށްލެއްވީއެވެ. ނަމަވެސް އެކަމާ حسّان އާ ހުރީ ކޮންގުޅުމެއްތޯއެވެ؟"
"ބޭބެއެވެ. ތިޔަ ވިދާޅުވި މޮޔައަކީ حسّان ފިޔަވައި އެހެންމީހެއް ނޫނެވެ."
ޒަރުބަޚުތު އިރުކޮޅެއްވާންދެން ماه بانو އާ ދިމާޔަށް ބައްލަވާން ހިމޭނުން ހުންނެވިއެވެ. އިރުކޮޅެއްގެފަހުން އޭނާ ވިދާޅުވިއެވެ. "حسّان އިސްލާމީ ލަޝްކަރުގައި ބައިވެރިވެވަޑައިގެންފި ވާހަކަ ބައްޕާފުޅުގެ އަރިހުގައި ވިދާޅުވީމުތޯއެވެ؟"
"ނޫނެކެވެ. އެކަމާ ބައްޕާފުޅު މޮޅިފުޅުވާނެތީ އަޅުގަނޑު ބިރުން އެވާހަކައެއް ނުދަންނަވަމެވެ. އަޅުގަނޑު ދެންނެވީ އޭނާ ވަޑައިގަތީ سُهيل ގެ ޚަބަރު ބައްލަވާން ކަމުގައެވެ."
"ތިޔަ ވާހަކަ އަޅުގަނޑަށްވެސް ނޭންގެވިނަމައެވެ. ބޭބެއަށް މާބޮޑަށް ލަސްވަނީއެވެ." ޒަރުބަޚުތު މިހެން ވިދާޅުވެފައި އަހަށް ސަވާރުވެވަޑައިގެންފިއެވެ. ماه بانو އަވަސް އަވަހަށް ވަޑައިގެން އަހުގެ ލަގަނުގައި ހިއްޕަވައިފިއެވެ. އޭނާ ފެންކަޅިފުޅު ވުމާއެކު ވިދާޅުވިއެވެ. "ލޯބިވާ ބޭބޭއެވެ! މަޑުކުރައްވަބައްލަވާށެވެ."
ޒަރުބަޚުތު ކަންބޮޑުވެވަޑައިގަތުމާއެކު އިރުކޮޅެއްވާންދެން ماه بانو އާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. އެހެން އިންނަވައިފައި އޭނާ ސުވާލު ކުރެއްވިއެވެ. "ވިދާޅުވެ ބައްލަވާށެވެ. ކޮއްކޮ ވިދާޅުވާން ތިޔައުޅުއްވަނީ ކީކޭތޯއެވެ؟"
"އެކައްޗެކޭވެސް ބުނާކަށް ނުއުޅެމެވެ. އެކައްޗެކޭވެސް ބުނާކަށް ނުއުޅެމެވެ." ماه بانو މިހެން ވިދާޅުވެފައި އަހުގެ ލަގަނުން ދޫކޮށްލައްވައިފިއެވެ. އެއާއެކު އޭނާގެ ލޯފުޅުން ކަރުނަފޮދު އޮހޮރިގެންފިއެވެ.
ފަޖުރުގެ އަލިކަން ފާޅުވެއްޖެއެވެ. އިސްލާމާއި މަޖޫސިއްޔަތުގެ ދިދަ އުފުލާމީހުން ޙުފައިރުގެ މައިދާނުގައި އެއްބަޔަކު އަނެއްބަޔެއްގެ ކުރިމަތީގައި ސަފުހަދައިގެން ތިއްބެވެ. خــالــد بــن الـوليـد رضـى اللّـه عنـــه ގެ ލަޝްކަރުގެ ޢަދަދަކީ އެންމެ އަށާރަހާހެވެ. އަނެއްކޮޅުން ހުރުމުޒުގެ ލަޝްކަރުގެ ޢަދަދު ދެގުނައަށްވުރެވެސް އިތުރެވެ. އެއްފަރާތެއްގައިވަނީ ހަތިޔާރާއި ބޭރުފުށުގެ ސަބަބުތައް ފުދިފައި އިތުރުވުމެވެ. އަނެއްފަރާތުގައިވަނީ މާތް اللّـه ގެ ނަޞްރާމެދު ކުރާ އިތުބާރެވެ. މަދާއިނުން އަންނަ އެހީގެ ލަޝްކަރުގެވެސް އިސްލަޝްކަރުވަނީ ހުރުމުޒުގެ ލަޝްކަރާ ގުޅިފައެވެ. އިތުރު ވިހިހާސް ސިފައިން އެބައިމީހުންނަށް އެހީވާން ފުރި ޚަބަރުވަނީ ލިބިފައެވެ. ނަމަވެސް ހުރުމުޒު ފުރައިވަޑައިގަތީ خــالــد بــن الـوليـد ގެ ލަޝްކަރުގެ ޢަދަދު އޮޅުންފިލުއްވެވުމަށް ފަހުގައެވެ. އޭނާ ޙުފައިރަށް ވަޑައިގަތުމާއެކު އެހިސާބުގަނޑުގެ ހުރިހައި ފެންގަނޑުތަކެއް އޭނާގެ ބާރުގެ ދަށަށް ގެންދެވިއެވެ. އޭނާގެ ސިފައިން ތިބީ އެންމެ މޮޅު ހަތިޔާރުން ހަތިޔާރު އަޅައިގެންނެވެ. އެބައިމީހުން ފޯރިއައިސްފައި ތިބިވަރީ، ބާރަސަތޭކަ އީރާނީ ސިފައިން އައިސްތިބީ ދަގަނޑު ހިލިހިލާތަކުން އެކަކު އަނެކަކާ ބަނދެވިގެންނެވެ. ހުރުމުޒު ސަވާރުވެވަޑައިގެން އިންނެވި ހައިބަބޮޑު އެތްވަނީ ރަނުގެ ޗޭނުތަކުން ޒީނަތްތެރި ކުރެވިފައެވެ. އެ އެތުގެ ކަރުގައި ބޮޑު ރަނގަބީލެއް އެލުވައިފައި އޮތެވެ.
ދެ ލަޝްކަރުގެ އިސް ސަފުތައް ދުއިސައްތަ ވަރަކަށް ގަޒާ ހަމަޔަށް ކައިރިވުމާއެކު އީރާނުގެ ލަޝްކަރުގެ މީހެއް ވަރަށް ބާރަށް އަސްދުއްވައިފައި އައިސް މައިދާނަށް ނުކުމެއްޖެއެވެ. އޭނާ ދެއަތްމައްޗަށް ނަގައިފައި ބާރުއަޑުން ގޮވައިލިއެވެ. "އަހަރެން خــالــد بــن الـوليـد އާ ވާހަކަދައްކާން ބޭނުމެވެ."
މާތް اللّـه ރުއްސުންލެއްވި خــالــد بــن الـوليـد އެކަލޭގެފާނުގެ އަސްކޮޅުގައި ހަންމުށި އަޅުއްވައިފައި ކުރިޔަށް ވަޑައިގެން ވިދާޅުވިއެވެ. "خــالــد އަކީ އަހަންނެވެ."
އަސްވާރުން ދެންނެވިއެވެ. "އަޅުގަނޑުގެ ސާހިބާ ކަލޭގެފާނާ މުބާރިޒާ ކުރައްވާން ބޭނުންފުޅެވެ."
"އަހަރެން މިހިރީ ތައްޔާރަށެވެ."
ސަވާރު އެނބުރި ހިނގައްޖެއެވެ. خــالــد ގެފާނު ކުރިޔަށް ވަޑައިގެން މައިދާނުގެ މެދަށް އަސް މަޑުކުރެއްވުމަށްފަހު ހުރުމުޒަށް އިންތިޒާރު ކުރައްވަން ފައްޓަވައިފިއެވެ.
މުސްލިމުންގެ ލަޝްކަރުގެ ވާތްފަރާތުގެ އަރިމަތީގެ ކޮމާންޑަރަކަށް ހުންނެވި قــعقـاع بــن عَمرو رضـى اللّـه عنـــه ކުއްލިޔަކަށް އަސްމަތީގައި ވަޑައިގެން خــالــد ގެފާނުގެ އަރިހަށް މަޑުކޮށްލެއްވުމަށްފަހު ވިދާޅުވިއެވެ. "ހުރުމުޒު ކަހަލަ ބޮޑާފުޅު އަނިޔާވެރި ބޭފުޅަކު ހިތްވަރުފުޅު ގަދަ ބޭފުޅަކަށެއް ނުވާނެއެވެ. މިއީ ކޮންމެވެސްކަހަލަ ރޭވުމެއްކަން ޔަޤީނެވެ. ކަލޭގެފާނު ސަމާލުވެވަޑައިގަންނަވާށެވެ."
خــالــد ގެފާނު ހަމަޖެހިވަޑައިގަތުމާއެކު ވިދާޅުވިއެވެ. "އަޅުގަނޑަށް އެނގެއެވެ. ކަލޭގެފާނު ވަޑައިގަންނަވާށެވެ. އަޅުގަނޑާމެދު ފިކުރުފުޅު ނުކުރައްވާށެވެ."
"قــعقـاع އެނބުރި ވަޑައިގެންފިއެވެ. އީރާނީ ލަޝްކަރުގެ ތެރެއިން ހުރުމުޒުގެ އެތް ނުކުމެއްޖެއެވެ. ނަމަވެސް خــالــد ގެފާނާ ފަންސާހަކަށް ފިޔަވަޅުގެ ދުރަށް ހުރުމުޒުގެ އެތް މަޑުކޮށްލައްވައިފިއެވެ. އޭނާ އޭނާގެ އަގުބޮޑު އަބާ ބާލުއްވައިފައި އެތުގެ ބުރަކަށިމަތީގައި ބޭއްވެވުމަށްފަހު އެތުން ފުންމަވައިލައްވައިފިއެވެ. އަވީގެ ސަބަބުން އޭނާގެ ދަހަނާ ވިދަމުންދެއެވެ. އޭނާ މަކަރެއް ހައްދަވާން އުޅުއްވަނީކީ ނޫންކަމަށް ދެކޭމީހުންނަށް ހީވިއެވެ. ނަމަވެސް قــعقـاع بــن عَمرو ނުހަނު ތޫނު ލޯފުޅަކުން ދުޝްމިނުންގެ ލަޝްކަރާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. އޭނާ ސަމާލުވެވަޑައިގެން ހުންނެވީ އީރާނުގެ އަސްވާރުންގެ ޙަރަކާތްތަކާ މެދުގައެވެ.
ހުރުމުޒު ކަނޑި ހިއްޕަވައިގެން ކުރިޔަށް ހިންގަވައިގެންނެވުމާއެކު، خــالــد ގެފާނުވެސް އަސްމަތީން ފުންމަވައިލައްވައިފިއެވެ. އެކަލޭގެފާނު ލޮންސިކޮޅު ބިމަށް ޖައްސަވައިފައި ކަނޑިކޮޅު ހިއްޕަވައިގެން ހުރުމުޒާ ދިމާޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ދެބޭފުޅުންގެ ދެމެދުގައި ވިއްސަކަށް ފިޔަވަޅު ހުންނަހައި ކައިރިވުމުން ހުރުމުޒު ފަހަތަށް އެނބުރިވަޑައިގެން އޭނާގެ ލަޝްކަރާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު خــالــد ގެފާނާ ދިމާޔަށް ދެތިން ފިޔަވަޅެއް ކުރިޔަށް އެޅުއްވުމަށްފަހު ހުއްޓިވަޑައިގެންފިއެވެ. އޭރު خــالــد ގެފާނަށްވަނީ ހުރުމުޒަށްވުރެ ނިސްބަތުން ލަޝްކަރާ ދުރަށް ވަޑައިގެންނެވިފައެވެ. ނަމަވެސް خــالــد ގެފާނު ހުއްޓިވަޑައިގަންނަވާކަށް ޤަޞްދެއް ނުކުރެއްވިއެވެ. ދެބޭފުޅުންގެ ކަނޑިކޮޅު ބައްދަލުވާން ކައިރިވެލާއިރަށް އީރާނުގެ އަސްވާރުންގެ ޖަމާޢަތެއް ވައިރޯޅިއެއްހެން އެދިމާޔަށް އަންނާން ފަށައިފިއެވެ. ހުރުމުޒު خــالــد ގެފާނާ މުބާރިޒާ ކުރެއްވުމުގެ ބަދަލުގައި ފަހަތަށް ޖެހިވަޑައިގަންނަވާން ފައްޓަވައިފިއެވެ. އެއާއެކު قــعقـاع بــن عَمرو ވެސް އަސްކޮޅުގައި ހަންމުށި އަޅުއްވައިފިއެވެ. އެކަލޭގެފާނު އިޝާރާތްކުރައްވައިފައިވާ މުޖާހިދުންވެސް قــعقـاع ގެ ފަހަތްޕުޅުން އަސްދުއްވައިލެއްވިއެވެ.
ހުރުމުޒު ހީފުޅުކުރައްވައިގެން ހުންނެވީ خــالــد ގެފާނަށް މުސްލިމުންނަށްވުރެ އީރާނީން އެކަލޭގެފާނާ ކައިރީގައި ތިއްބައި ފެނިވަޑައިގަތުމުން ފިލައިވަޑައިގަންނަވާން ކުރައްވާ ނާކާމިޔާބު މަސައްކަތްޕުޅުގެ ތެރޭގައި ޝަހީދުކުރެވިދާނެކަމަށެވެ. ނަމަވެސް سيف اللّـه މައިދާނަށް ނުކުމެވަޑައިގަތުމާއެކު މާތް اللّـه ގެ ނަޞްރު އެކަލޭގެފާނަށް އިންތިޒާރު ކުރަމުންގެންދާ ހުރިހައި މަގުތަކެއްވަނީ ފުރިހަމަޔަށް ދެކެވަޑައިގެންފައެވެ.
خــالــد بــن الـوليـد رضـى اللّـه عنـــه، اللّـه أكـبــر ގެ ނަޢުރާ ކުރެއްވުމަށްފަހު އެސްފިޔަޖަހައިލާހައި ހިނދުކޮޅެއްގެ ތެރޭގައި ހުރުމުޒުގެ ކުރިމައްޗަށް ޖެހިވަޑައިގެންފިއެވެ. ހުރުމުޒު ފިލައިވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް ބިރުފުޅުން އޭނާގެ ފައިންޕުޅުގައި ހިލިހިލާ އެޅުނުކަހަލައެވެ. އެވަގުތު سيف اللّـه ކަނޑިކޮޅު އުފުއްލަވައިލެއްވިއެވެ. ކަނޑިކޮޅުގެ ވިދުވަރު ކެނޑިގެން ދިއުމާއެކު ހުރުމުޒުގެ ހަށިކޮޅު ކިލަލާއި ހިރަފުހުގެ ތެރޭގައި ތެޅޭންފަށައިފިއެވެ.
މައިދާނަށް ނުކުތް އީރާނީ ސަވާރުންކުރެ އެންމެކުރިޔަށް އިން އަސްވާރު އޭނާގެ ލޮންސީން خــالــد ގެފާނާ ޙަމަލަދިނެވެ. ނަމަވެސް خــالــد ގެފާނު ކަނޑިކޮޅުން ޖައްސަވައި އޭނާގެ ލޮންސި ބުރިކޮށްލެއްވިއެވެ. ލޮންސީގެ ކުރީބުރި ވިއްސައިގެންގޮސް ޖެހުނީ މާދުރަށެވެ. އެވަގުތު ދެންތިބި އަސްވާރުންނަށް ކުޑަކޮށް ހުއްޓުންއެރިއެވެ. ނަމަވެސް އެބައިމީހުން خــالــد ގެފާނު ވަށައިލެވޭތޯ މަސައްކަތް ކުރިއެވެ. އެހައިތަނަށް ދިޔައިރު قــعقـاع بــن عَمرو އިސްލާމީ މުޖާހިދުންނާއިގެން އެތަނަށް ވަޑައިގެންފިއެވެ. އެބޭކަލުންގެ އެންމެ ފުރަތަމަ ޙަމަލައިގައިވެސް ދުޝްމިނުންގެ ދިހަވަރަކަށް މީހުން ބިންމަތިކޮށްލެއްވިއެވެ. ތަމީމުވަންހައިގެ ޒުވާނެއް خــالــد ގެފާނުގެ އަރިހަށްގޮސް އެކަލޭގެފާނަށް އޭނާގެ އަސް އަރުވައިފިއެވެ. އެއަށްފަހު އޭނާގެ ކަނޑީން ހުރުމުޒުގެ ބޯކަނޑައިލުމަށްފަހު ލޮންސިއަކަށް ޖަހައިފިއެވެ.
އެހައިތަނުން މުޅި އީރާނީ ލަޝްކަރު ޙަރަކާތްތެރިވެއްޖެއެވެ. މުސްލިމުންގެ ކޮމާންޑަރ އިން ޗީފް އަސްމައްޗަށް ސަވާރުވެވަޑައިގެން އިސްލާމީ ލަޝްކަރުގެ މެދުތެރެއާއި ދެފަރާތުގެ އަރިމަތީގެ ކޮމާންޑަރުންނާއި އޮފިސަރުންނަށް އިރުޝާދު ދެއްވާން ފައްޓަވައިފިއެވެ. އީރާނީ އަސްވާރުން މެދުކެނޑުމެއްނެތި އިސްލާމީ ލަޝްކަރުގެ މެދުތެރެއަށް ޙަމަލަދެމުން ގެންދިޔައެވެ. މުސްލިމުންގެ ދުނީގެ ވާރޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިގެން އެބައިމީހުންގެ ގެމައެއް ފަހަތަށް ޖެހޭއިރަށް އަނެއްބަޔަކު ކުރިޔަށް އަރައެވެ. މުސްލިމުންގެ ލަޝްކަރުގެ ކުރީ ސަފުތަކަށް އީރާނުގެ އަސްވާރުންގެ ވަރުގަދަ ޙަމަލަތަކުގެ ބާރު ބޮޑުވާން ފަށާއިރަށް އިސްލާމީ ލަޝްކަރުގެ ވާތްފަރާތާއި ކަނާތްފަރާތުގެ ޢަރަބި އަބްޠާލުންގެ ވަރުގަދަ ޙަމަލަތަކުން ފާރިސީން ފަހަތަށްޖެހޭން މަޖުބޫރު ކުރުވައެވެ.
ހުރުމުޒު އަވަހާރަވިކަމުގައިވިޔަސް އީރާނުގެ ލަޝްކަރުގެ އޮފިސަރުން ތިބީ އެބައިމީހުންގެ ޢަދަދު ގިނަކަމުގެ ސަބަބުން ފަތަޙަ ލިބޭނެކަމުގެ ޔަޤީންކަމުގައެވެ. އެބައިމީހުން ނުހަނު ބޮޑަށް ގެއްލުން ލިބެމުންދިޔައިރުވެސް އަރައަރައިގެން އައިސް ޙަމަލަދެމުން ގެންދިޔައެވެ. ގަޑިޔެއްހައިއިރުވާންދެން މުސްލިމުން ކުރަމުންގެންދިޔައީ ދިފާޢީ ހަނގުރާމައެކެވެ. ދެފަރާތުގެ ފައިމަތީގައި ހަނގުރާމަކުރާ ސިފައިން ބައްދަލުވެ ތަޅައިފޮޅާން ފެށުމުން އީރާނުގެ ޙަމަލައިގެ ވަރުގަދަކަމުން މުސްލިމުންގެ މެދުތެރޭގެ ސަފުތައް މަޑުމަޑުން ފަހަތަށްޖެހޭން ފެށިއެވެ. އެވަގުތު قــعقـاع بــن عَمرو ގެ ވެރިކަމުގައި މުސްލިމުންގެ ވާތްފަރާތުގެ އަސްވާރުން ދުޝްމިނުންނާ ދިމާޔަށް އަރައިގަތެވެ. ބަކަރި އައިނެއްހެން ދުޝްމިނުން ލަވަމުން ލަޝްކަރުގެ މެދުތެރެއާ ހަމައަށް ގެންގޮސްފިއެވެ. މިއީ މުސްލިމުންގެ އެންމެފުރަތަމަ ރައްދު ޙަމަލައެވެ. އިރުކޮޅެއްގެ ތެރޭގައި ދުޝްމިނުންނަށް ކުރިމަތިލާންޖެހުނީ އެބައިމީހުންނަށް ކުރީން ޚިޔާލުވެސް ނުކުރެވޭފަދަ ވަރުގަދަ ޙަމަލަތަކަކާއެވެ.
ފާރިސީން ބިރުން ފަހަތަށްޖެހޭން ފެށުމުން خــالــد ގެފާނު މުސްލިމުންގެ މެދުތެރޭގެ ސަފުތަކަށް ކުރިޔަށްއަރާން އަމުރުކުރައްވައިފިއެވެ. މުސްލިމުން ދުޝްމިނުންގެ ސަފުތަކަށް ޤިޔާމަތެއް ގެނުވިއެވެ. އެތަން ފެނިފައި އީރާނުގެ ރިޒާވް ސިފައިންވެސް މައިދާނަށް ނުކުމެގެންފިއެވެ.
އިރުކޮޅެއްވީތަނާ މައިދާނުގެ ކަނާތްފަރާތު އަރިމަތީން ހިރަފުހުގެ ވިލާތައް އުފުލޭން ފަށައިފިއެވެ. ހިރަފުސްގަނޑުގެ ތެރެއިން مثــنّـى بــن حــارثـــة رضى اللّـه عنــه ފަސްހާސް އަސްވާރުންގެ ލަޝްކަރަކާއެކު ފާޅުވެވަޑައިގެންފިއެވެ. އެކަލޭގެފާނު މައިދާނުގެ ދެބައިކުޅައެއްބައިން ވަށައިލައްވައިފައި ދުޝްމިނުންގެ ފަހަތަށް ވަޑައިގެންފިއެވެ. އެހައިތަނުން ހަނގުރާމައިގެ މައިދާނުގައި ވައި ބަދަލުވެއްޖެއެވެ. ހަމައެކަނި ކާމިޔާބުގެ އުންމީދުގައި ހަނގުރާމަކުރާ މީހުންގެ ބަލިވުމަށްޓަކައި ބޭރުފުށުން ބޭނުންވާ ސަބަބުތައްވެސް ފުރިހަމަވެއްޖެއެވެ. މާތް اللّـه ގެ މަގުގައި ޝަހީދުވާން އެދިތިބި މުޖާހިދުންނަށް ފަތަޙައިގެ އިނާމު ލިބޭން ފަށައިފިއެވެ.
އިރުއޮއްސޭންވާއިރަށް ފާރިސީން ފިލައިގެން ހިނގައްޖެއެވެ. މަރުވެފައިތިބި މީހުންގެ ހަށިތައް މައިދާން ފުރޭންދެން ދޫކުރުމަށްފަހުގައެވެ. މުސްލިމުން އެބައިމީހުންގެ ފަހަތުން ފަހަމުން ގެންދިޔައެވެ. ރޭގަނޑު އަނދިރިކަމުގެ ތެރޭގައިވެސް ފުރާތުކޯރުގެ ފާލަމާ ހަމަޔަށް ފާރިސީން ޤަތުލުކުރަމުން ގެންދިޔައެވެ.
خــالــد بــن الـوليـد رضـى اللّـه عنـــه މުސްލިމުންގެ އެއްބަޔަކު ޝަހީދުންގެ ކަށުކަމާކެމީގެ ކަންތައް ނިންމުމަށާއި ދުޝްމިނުންގެ ކޭމްޕުން ޣަނީމާ އެއްކުރަން ފޮނުއްވިއެވެ. ދެންތިބި މުސްލިމުންނާއެކު ދުޝްމިނުންގެ ފަހަތުން އެބައިމީހުން ފައްސަވަމުން ގެންދެވުމަށް مثــنّـى بــن حــارثـــة އަށް އަމުރުކުރެއްވިއެވެ.
(ނުނިމޭ)