ކޮރޯނާވައިރަސް(ކޮވިޑް19)ގެ ބިރުވެރިކަން މުޅިދުނިޔެއަށް ފެތުރިފައިވާތީ ރާއްޖޭގެ ހާލަތަށް ބަލައި އަތޮޅުތަކަށް ކުރަމުން އަންނަ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އެކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެގޮތަށް ނިންމާފައިވަނީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އެބަލި ފެތުރިއްޖެނަމަ ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި ގެއްލުން ބޮޑުވާނެތީ ކަމަށެވެ. އަދި އެޕާޓީން ރައްޔިތުންގެ ސަލާމަތަށް އަބަދުވެސް އިސްކަން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މީގެ އިތުރުން އެ ކޯލިޝަންގެ ބަޔާނުގައި ވަނީ ހާމަކަން ބޮޑުގޮތެއްގައި ބައްޔާ ގުޅޭ މައުލޫމާތާއި، ރާއްޖޭގެ ހާލަތު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ކޮވިޑް19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އެކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީތަކުން އަންނަނީ ތާއީދު ހޯދުމަށް އެކި ރަށްރަށަށް ޒިޔާރަކޮށް ކެމްޕެއިންގެ ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ. އެހެންނަމަވެސް ހެލްތު ޕްރޮޓަކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަނީ މިދުވަސްކޮޅު މީހުން އެއްވެ އުޅޭ ހަރަކާތްތައް ނުހިންގުމަށް އިލްތިމާސް ކޮށްފައެވެ.