އިލެކްޝަންސް ކޮމިޝަން

ހާލަތު ބަދަލުވަމުންދާ ގޮތް މި އަންނަނީ ބަލަމުން، އިންތިހާބު ފަސްކުރަން އަދި މަޝްވަރާއެއް ނުކުރަން: އިލެކްޝަންސް

ރާއްޖޭގައި ކޮރޯނާ ބަލީގެ ހާލަތު އޮތް ގޮތާއި އެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މިހާރު ހާލަތު ހާލަތު އޮތް ގޮތަށް ބަލައި، އިންތިހާބު ފަސްކުރުމަށް މަޝްވަރާ ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

އީސީން މިހެން ބުނީ އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓަކާ ގުޅިގެން ""ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ނުބޭއްވޭނެ ފަދަ މާހައުލެއް އުފެދިއްޖެ ކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެ ކޮމިޝަނަށް އަންގާފައި ނުވާ ކަމަށެވެ.

އީސީން އެ ގޮތަށް ޓުވީޓު ކުރި އިރު، ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރޭ ނިސްބަތަށް ބަލައި، މި ހާލަތުގައި މީހުން އެއްވެ އުޅުން މަދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުކޮށް އިލްތިމާސް ކޮށްފަ އެވެ. އަދި ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ރާއްޖޭން ބޭރަށް ދަތުރު ނުކުރުމަށާއި މި ބަލި ފެތުރިފައިވާ ގައުމުތަކަށް ދަތުރު ނުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮރޯނާއަށް ޝައްކު ކުރެވޭ މީހުންތަކެއް ކަރަންޓީނުކޮށް ޓެސްޓު ކުރުމުގެ މަރުހަލާ ކުރިޔަށް ދާތީ ރާއްޖޭގެ ތިން ރަށެއް މިހާރު މީހުން އަރައި ފޭބުން މަނާކޮށް، ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފަ އެވެ. އެއީ ވ. ތިނަދޫ އާއި ޅ. ކުރެއްދޫ އަދި ކ. އަތޮޅު ސަމާ އައިލެންޑް ރިސޯޓެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް ދާދި ދެންމެ ވިދާޅުވީ، އިންތިހާބު ފަސް ކުރުމާއި މެދު އީސީން އަދި މަޝްވަރާ ނުކުރަނީ، ކޮރޯނާއާއި ގުޅިގެން ރާއްޖޭގައި މި ވަގުތު އޮތީ ވައިޓް އެލާޓްގެ ހާލަތު ކަމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުން ބުނަމުން އަންނާތީ ކަމަށެވެ.

ނުރައްކާތެރި ކޮރޯނާ ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިވާ އިރު ރާއްޖެއާ އެންމެ ގާތުގައިވާ އަވައްޓެރި ގައުމުތަކުން ވެސް ވަނީ މިބަލީގެ މީހުން ފެނިފަ އެވެ. މި ބަލި ޖެހިފައިވާ މީހުންގެ އަދަދު އެއް ލައްކައިން މައްޗަށް އަރާފައިވާ އިރު މަރުވި މީހުންގެ އަދަދު ވަނީ 3500 އާއި ގާތް ވެފަ އެވެ.