ކުޅިވަރު

އެފްއޭ ކަޕްގެ ސެމީގެ ޖާގަތައް ކަށަވަރު ވެއްޖެ

އައިދާ އަބްދުލް ހަކީމް

މިއަހަރުގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކްލަބް އީގަލްސް އިން ހޯދައިފި އެވެ.

ރޭ ގަލޮޅު ދަނޑުގައި ވިލިމާލެ ޔުނައިޓެޑް ބަލިކޮށް އީގަލްސް އިން މެޗް ކާމިޔާބުކުރީ 12-0ގެ ނަތީޖާ އަކުންނެވެ. އީގަލްސް އިން ޖެހި 12 ލަނޑުގެ ތެރެއިން 10 ގޯލް އެޓީމުގެ އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ޖަހާފައެވެ. އީގަލްސްގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ބިދޭސީ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ތިން ގޯލުގެ ލީޑަކުން އީގަލްސް ކުރީގައި އޮވެގެންނެވެ. މެޗުގައި އީގަލްސް އިން ބާކީ ގޯލުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ރިޒޭ ދެ ގޯލު ޖެހިއިރު ދެ ވަނަ ހާފުގައި އޭނާ ވަނީ އަށް ގޯލު ޖަހައިފަ އެވެ. މިރޭ 10 ގޯލު ޖެހިއިރު ރިޒޭ އަށް ވަނީ ގޯލު ޖަހާނެ އިތުރު ފުރުސަތު ލިބި ބޭކާރުވެފަ އެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރުގެ އެފްއޭ ކަޕް ކުއާޓާ ފައިނަލުން ފެށިއިރު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ވަނީ 13-0 އިން ކްލަބް އޭދަފުށި ބަލިކޮށްފަ އެވެ. އަދި ދެ ވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް މާޒިޔާއިން 8-7ގެ ނަތީޖާ އަކުން ކުރި ހޯދާފައިވާއިރު ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ވަނީ 3-0 އިން ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު ބަލިކޮށްފަ އެވެ.

އެފްއޭކަޕްގައި ދެން ކުޅޭނީ ސެމީ ފައިނަލުގެ ދެމެޗެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު މާޒިޔާ އާއި ދަ ގްރާންޑޭ ވާދަކުރާއިރު ދެ ވަނަ ސެމީގައި އެދުވަހުގެ ރޭ އީގަލްސް އާއި ޓީސީ ވާދަކުރާނެ އެވެ.